Last Updated: June 24, 03:22
Tuesday, June 23, 2026
ޚަބަރު

92 އަހަރުގައި މަހާތީރު އަލުން ބޮޑު ވަޒީރުކަމަށް

މެލޭޝިއާގައި ބުދަ ދުވަހު ބޭއްވި އާއްމު އިންތިހާބުގައި ބޮޑުވަޒީރު ނަޖީބް ރަޒާކް ބަލިކޮށް އެގައުމުގެ ކުރީގެ ބޮޑުވަޒީރު ޑރ.މަހާތިރް މުހައްމަދު ކާމިޔާބު ހޯއްދަވައިފިއެވެ.

61 އަހަރުވަންދެން ވެރިކަން ކޮށްފައިވާ ބަރިސަން ނޭޝަނަލް (ބީއެން)ގެ މައްޗަށް އިދިކޮޅު ކޯލިޝަނުން ކާމިޔާބު ހޯދީ ގާނޫނު ހަދާ މިޖިލީހުގެ 222 ގޮނޑީގެ ތެރެއިން 121 ގޮނޑި ކާމިޔާބުކޮށްގެންނެވެ. ބީއެން އަށް ކާމިޔާބުކުރެވިފައިވަނީ 79 ގޮނޑިއެވެ.

އުމުރުފުޅުން 92 އަހަރުގައި މަހާތީރް ހޯއްދެވި މިކާމިޔާބީއާއެކު އޭނާ ވެގެންދާނީ ދުނިޔޭގެ މިވަގުތު ވެރިކަން ކުރާނެ އެންމެ އުމުރުން ދުވަސްވީ ލީޑަރުގެ ގޮތުގައެވެ. ބަރިސަން ނޭޝަނަލް ކޯލިޝަންގައި ހުންނަވައިގެން މާހާތިރް މޭލޭޝިއާގެ ބޮޑުވަޒީރުކަން 22 އަހަރު ކުރުމަށްފަހު 2003 ވަނައަހަރު މަގާމުން ދުރުވެ ހުރުމަށްފަހު އެނބުރި އައުން ވެގެންދިޔައީ ބޮޑުވަޒީރު ނަޖީބް ރަޒާކް އަށް ބޮޑު ގޮންޖެހުމަކަށެވެ.

ޑރ.މަހާތިރް މުހައްމަދް ނަޖީބު ރައްޒާޤްގެ ސަރުކާރާއި ދެކޮޅަށް ނިކުމެވަޑައިގަތީ ސަރުކާރުގެ ތެރޭގައި ކޮރަޕްޝަން އިންތިހާއަށް މައްޗަށް ދިޔުމާއި ގުޅިގެންނެވެ.

އެގޮތުން މިފަހަރުގެ އިންތިހާބްގައި ނަޖީބަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކަށްވީ އިންވެސްޓްމަންޓް ބޭންކް 1އެމްބީޑީގެ ބޮޑު ކޮރަޕްޝަނެވެ. އެ ބޭންކުން ވަނީ ނަޖީބުގެ އަމިއްލަ އެކައުންޓަށް ވެސް 700 މިލިއަން ޑޮލަރު ޖަމާކޮށްފަ އެވެ.

ނަޖީބްގެ މައްޗަށް މަހާތީރު ކާމިޔާބް ހޯއްދެވުމާއި ގުޅިގެން އެގައުމުގެ ރައްޔިތުން ވަނީ ކުއާލަލަމްޕޫރުގެ މަގު މައްޗަށް ނިކުމެ އުފާފާޅުކުރަން ފަށާފައެވެ. އަދި މިއަދަކީ ބަންދު ދުވަހެއް ކަމަށް ވަނީ ކަނޑައަޅާފައެވެ.

ބައެއް މީޑިއާ ރިޕޯޓް ތައް ބުނާ ގޮތުން މިވަގުތު ޖަލުގައި އޮންނެވި އިދިކޮޅު ލީޑަރ އަންވަރު އިބްރާހިމް މިނިވަން ކުރެއްވުމަށް މަހާތީރު ވަނީ އަންގަވާފައެވެ.