Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

އިންޑިއާގެ ބޮޑުވަޒީރަށް ރައީސްގެ ތަޢުޒިޔާ

ރައީސް ޔާމީން އިންޑިއާގެ ބޮޑު ވަޒީރާއެކު - ފޮޓޯ: އިންޑިއާ.ކޮމް

އިންޑިއާގެ އެކި ސަރަހައްދުތަކަށް ކުރިމަތިވި ވެލީގެ ތޫފާނާ ގުޅިގެން، އެކަމުގެ ހިތާމައިގައި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ތަޢުޒިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ވެލީގެ ތޫފާނުގައި އެތައް ބަޔަކު މަރުވެ އެތައްބަޔަކަށް ގެއްލުން ލިބުނު ޚަބަރު އެއްސެވީ ކުއްލި ހައިރާންކަމާއި ފުން ހިތާމައާއެކު ކަމުގައި ވިދާޅުވެފައިވެއެވެ.

އަދި ޤައުމީ ހިތާމައިގެ މި ދަނޑިވަޅުގައި ދިވެހި ސަރުކާރު އޮތީ އިންޑިއާއާ އެކުގައި ކަމުގައި ވިދާޅުވެ، އިންޑިއާގެ ބޮޑުވަޒީރަށާއި ރައްޔިތުންނަށް، އަދި ޚާއްޞަ ގޮތެއްގައި މިޙާދިސާގެ އަސަރު ކުރި ފަރާތްތަކަށް ޙަމްދަރުދީ ފޮނުއްވާފައިވެއެވެ. މީގެ އިތުރުން މިހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާ ރައްދު ކޮށްދެއްވުމަށާއި، ގެއްލުން ލިބުނު ފަރާތްތަކަށް އަވަސް ޝިފާއަކަށް ރައީސް ޔާމީންގެ މެސެޖުގައި އެދިވަޑައިގެންފައިވެއެވެ.