ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހު އެހެން ހުރިހާ ބޭންކްތަކަށް ވުރެ ގިނަ ވަގުތު ކަސްޓަމަރުންނަށް ޚިދުމަތްދޭނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިއުލާންކޮށްފިއެވެ.
އެކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ރޯދަ މަހު ހެނދުނު 10:00 އިން ފެށިގެން މެންދުރުފަހު 14:00 އަށް ބޭންކްގެ މެއިން ބްރާންޗް ހުޅުވާފައި ހުންނާނެ ކަމަށާއި، ބޭންކްގެ އެހެން ބްރާންޗްތައް ހުޅުވުމަށް ހަމަޖެހިފައިވަނީ ހެނދުނު 10:30 އިން މެންދުރުފަހު 13:00 އަށް ކަމަށެވެ.
މީގެ އިތުރުން ބީއެމްއެލް އިން ބުނީ އެ ބޭންކް އިން ޤާއިމުކޮށްފައިވާ ސެލްފް ސާވިސް ބޭންކިން ސެންޓަރުތައް މެދުވެރިކޮށް ކަސްޓަމަރުންނަށް ޑިޕޮސިޓް ކުރުމާއި، ފައިސާނެގުމާއި، ފައިސާ ފޮނުވުމުގެ ޚިދުމަތް 24 ގަޑި އިރު ލިބޭނެ ކަމަށެވެ.
އަދި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކުން ކޭޝް އެޖެންޓުން މެދުވެރިކޮށް ފައިސާ ނެގުމުގެ ހިދުމަތް ރަމަޟާން މަހުވެސް ލިބޭނެ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފަ އެވެ.
ބީއެމްއެލްގެ ހެޑް އޮފް ރީޓެއިލް ބޭންކިންގ މޫސާ ނިމާލް ވިދާޅުވީ މާލޭގައި ބޭންކިންގ ޚިދުމަތްތަކަށް އޮންނަ ޑިމާންޑް ބޮޑު އިރު ވީހާވެސް ގިނަ ބަޔަކަށް ރަމަޟާން މަހު ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކާ ރަމަޟާން މަހު މާލޭގެ ހުރިހާ ބްރާންޗަކުންވެސް ހަތަރު ގަޑިއިރު ޚިދުމަތްތައް ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކޮށްފައިވާ ބީއެމްއެލްގެ 35 ސެލްފް ސާވިސް ބޭންކިންގ ސެންޓަރުތަކުން ކަސްޓަމަރުންނަށް 24 ގަޑިއިރު އަދިވެސް ޚިދުމަތް ހޯދޭނެ ކަމަށާއި، ކަސްޓަމަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ބީއެމްއެލްގެ ކޯލް ސެންޓަރގެ ޚިދުމަތްވެސް 24 ގަޑިއިރު ލިބެމުންދާނެ ކަމަށްވެސް ނިމާލް ވިދާޅުވި އެވެ.