ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި މައްސަލައިގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ފަނޑިޔާރު އަލީ ހަމީދަށް ހުކުމް ކުރުމަށް ބާއްވަން ތާވަލް ކުރި ޝަރީއަތުގެ ކުރިން ފަނޑިޔާރު އަލީ ހަމީދު ނޭވާ ހާސްވެގެން ޝަރީއަތް ފަސްކުރުމަށްފަހު މިރެއަށް ކެންސަލް ކޮށްފިއެވެ.
ދެ ފަނޑިޔާރުންނަށް ހުކުމް ކުރުމުގެ ޝަރީއަތް އެންމެ ފުރަތަމަ ތާވަލް ކުރީ މިއަދު ހަވީރަށެވެ. ނަމަވެސް ފަހުން އެޝަރީއަތް މިރޭ 7 އަށް ލަސްކޮށްފައިވަނިކޮށް އަލީ ހަމީދު ނޭވާ ހާސްވެގެން ވަނީ އިމަޖެންސީގައި އައިޖީއެމްއެެޗްގައި ފަރުވާ ދޭން ފަށާފައެވެ، އޭގެ ފަހުން ޝަރީއަތް ލަސް ކުރީ މިރޭ 8:30 އަށެވެ.
ދެ ފަނޑިޔާރުންގެ މައްޗަށް ދައުވާ ސާބިތުވެއްޖެނަމަ 9 މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ކުށް ސާބިތުވެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް އިއްޔެވަނީ ހަތަރު މަހާއި 24 ދުވަހަށް ޖަލު ހުކުމެއް އިއްވާފައެވެ.