Last Updated: June 13, 20:58
Saturday, June 13, 2026
ޚަބަރު

"މެލޭޝިއާގެ އިންތިހާބުގެ ނަތީޖާއަކީ ފިލާވަޅެއް"

ބުދަ ދުވަހު މެލޭޝިއާގައި ބޭއްވި އާއްމު އިންތިހާބް އިދިކޮޅު ކޯލިޝަން ކެންޑިޑޭޓް ކުރީގެ ބޮޑުވަޒީރު މަހާތީރު މުހައްމަދު ކާމިޔާބް ކުރެއްވުމަކީ އަނިޔާވެރި ކަރަޕްޓް ވެރިންނަށް ބޮޑު ފިލާވަޅެއްކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

މެލޭޝިއާގެ އާއްމު އިންތުހާބްގެ ނަތީޖާ ދައްކާގޮތުން އެގައުމުގެ ބޮޑު ވަޒީރު ނަޖީބް ރައްޒާގުގެ ބަރިސަން ނޭޝަނަލް (ބީއެން)ގެ މައްޗަށް އިދިކޮޅު ކޯލިޝަނުން ކާމިޔާބު ހޯދީ ގާނޫނު ހަދާ މިޖިލީހުގެ 222 ގޮނޑީގެ ތެރެއިން 121 ގޮނޑި ކާމިޔާބުކޮށްގެންނެވެ. ބީއެން އަށް ކާމިޔާބުކުރެވިފައިވަނީ 79 ގޮނޑިއެވެ.

ކަރަޕްޝަނާއި، އަނިޔާވެރިކަން މެލޭޝިއާގައި އާއްމުވުމާއި ގުޅިގެން އެގައުމުގެ އިންތިހާބަށް މިފަހަރު ނިކުންނެވީ ކޯލީޝަން ކެންޑީޑޭޓެއްގެ ގޮތުގައި ކުރިން އެގައުމުގެ ބޮޑުވަޒީރުކަން ކުރެއްވި މަހާތީރުއެވެ. އުމުރުފުޅުން 91 އަހަރުގައި މަހާތީރު އިންތިހާބު ކާމިޔާބު ކުރެއްވުމާއި ގުޅިގެން ރާއްޖޭގެ އިދިކޮޅު ފަރާތްތަކުން ދަނީ މަހާތީރަށާއި އިދިކޮޅު ކޯލިޝަނަށް މަރުހަބާ ކިޔަމުންނެވެ.

އެގޮތުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ މެލޭޝިޔާއިން "ރަތްލާ ޖެހި ވަގަކަށް" ނޫނެކޭ ބުނެފިކަމަށާއި، ދެން އޮތީ "އަހަރެންގެ ފަހަރު" ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރ ރޮޒެއިނާ އާދަމް ވިދާޅުވީ މެލޭޝިއާގެ އިންތިހާބު އާއުއްމީދެއް ލިބިގެން ގޮސްފިކަމަށެވެ.

މެލޭޝިއާގެ އިންތިހާބުގެ ނަތީޖާ އިދިކޮޅު ފަރާތްތަކުން އަޅުވާ ކިޔަމުންދަނީ ރާއްޖޭގެ ސިޔާސީ މަސްރަހް އާއިއެވެ. އެގޮތުން ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވި ގޮތުގައި 21 ވަނަ ގަރުނުގައި އަނިޔާވެރި ވެރިންނަށް ޖާގަ ނެތްކަން މެލޭޝިޔާގެ ރައްޔިތުން ސާބިތުކޮށްދީފިއެވެ