ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި މައްސަލައިގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ފަނޑިޔާރު އަލީ ހަމީދަށް ހުކުމް ކުރުމަށް ބާއްވަން އިއްޔެ ތާވަލް ކުރި ޝަރީއަތް އަލީ ހަމީދު ކުއްލި ގޮތަކަށް ބަލިވުމާއި ގުޅިގެން ކެންސަލް ކުރުމަށްފަހު މިއަދު މެންދުރަށް އަލުން ތާވަލްކޮށްފިއެވެ.
ފަނޑިޔާރުންނަށް ހުކުމް ކުރުމަށް މިހާރު ތާވަލްކޮށްފައިވަނީ މިއަދު މެންދުރު 2 ޖަހާއިރު ބާއްވާ ޝަރީއަތުގައެވެ. މި މައްސަލައިގެ އަޑުއެހުންތައް ވަނީ މިދިޔަ އަންގާރަ ދުވަހު ބޭއްވި ޝަރީއަތުގައި ނިންމަވާ ލައްވާފައެވެ.
އިއްޔެގެ ޝަރީއަތް ފެށެން ކުޑައިރުކޮޅަކަށްވެފައި ވަނިކޮށް އަލީ ހަމީދު ނޭވާ ހާސްވުމާއި ގުޅިގެން އިމަޖެންސީގައި އައިޖީއެމްއެޗްއަށް ގެންގޮސް ފަރުވާ ދެމުން އަންނައިރު އަދިވެސް ހޮސްޕިޓަލުން ދޫކޮށްލެއްވި ކަމެއް ސާފެއް ނުވެއެވެ.
ދެ ފަނޑިޔާރުންގެ މައްޗަށް ދައުވާ ސާބިތުވެއްޖެނަމަ 9 މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ކުށް ސާބިތުވެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް އިއްޔެވަނީ ހަތަރު މަހާއި 24 ދުވަހަށް ޖަލު ހުކުމެއް އިއްވާފައެވެ.