Last Updated: June 12, 02:23
Thursday, June 11, 2026
ޚަބަރު

ކޮރަޕްޝަނާ ދެކޮޅަށް ވޯޓު ދޭނަމަ ޔާމީނަށް ވޯޓު ދެއްވާ: ނިހާން

ކޮރަޕްޝަނަށް ނޫނެކޭ ބުނުއްވާ ބޭފުޅުން ވޯޓު ދޭންވާނީ ރައީސް ޔާމީނަށް ކަމަށް ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ ލީޑަރ، އަދި ރައްޔިތުންގެ މަޖިލީހުގެ ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސެއިންމަނިކު ވިދާޅުވެއްޖެއެވެ.

މެލޭޝިޔާގެ ބޮޑުވަޒީރު ނަޖީބް ޚާން އިންތިޚާބުން އެގައުމުގެ ރައްޔިތުން ބަލިކުރުމާއި މެލޭޝިޔާ ރައްޔިތުން ކޮރަޕްޝަނަށް ނޫނެކޭ ބުނެފިކަމަށާއި ދިވެހި ރައްޔިތުންވެސް، ކޮރަޕްޝަނަށް ނޫނެކޭ ބުނެ ރައީސް ޔާމީން ވެރިކަމުން ދުރުކުރާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ދައްކަމުން އަންނަ ވާހަކައަށް ރައްދު ދެއްވަމުން ނިހާން ވިދާޅުވީ، ކޮރަޕްޝަނާ ދުރު ވެރިއަކަށް ވޯޓު ދެއްވާނަމަ ރައީސް ޔާމީނަށް ވޯޓު ހައްގުވާ ކަމަށެވެ.

ކައިރި މީހެއް، ދުރު މީހަކަށް ބެލުމެއް ނެތި ކޮރަޕްޝަނަށް މަގުފަހި ކުރުވި ކޮންމެ މީހަކާ ގާނޫނު އަރާ ހަމަކުރުމަށް ފުރުސަތު ދެއްވި ފުރަތަމަ ރައީސަކީ ރައިސް ޔާމީން ކަމަށް ނިހާން ވިދާޅުވިއެވެ.

ނަމަވެސް ރައީސް ޔާމީން ވަނީ މީގެ ކުރިން ހަލާލު ނޫން ފައިސާ އެމަނިކުފާނުގެ ގެއަށް ވަދެފައިވާ ކަމަށް ބުނެފައެވެ. އަދި ރައީސް ޔާމީނާއެކު ކުރީގައި އެންމެ ކައިރިން މަސައްކަތް ކުރެއްވި، ކުރީގެ ނައިބު ރައީސް އަދީބާއި އޭނާގެ ގާތް ބަޔަކު ވަނީ ދައުލަތުން ޚިޔާނާތްތެރިވި ފައިސާ ރައީސް ޔާމީނާ ހަވާލުކުރި ކަމަށް ބުނެފައެވެ.