Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

ރައީސް ޔާމީން މެލޭޝިއާގެ ބޮޑުވަޒީރަށް މަރުޙަބާގެ މެސެޖެއް ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ޑޮކްޓަރ މަހާތީރު ބިން މުޙައްމަދު، އެޤައުމުގެ ބޮޑުވަޒީރު ކަމުގެ މަޤާމަށް އަލުން އިންތިޚާބުވެވަޑައިގަތުމާ ގުޅިގެން، އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސް ޔާމީންގެ މެސެޖުގައި މެލޭޝިޔާގެ 14 ވަނަ އާންމު އިންތިޚާބުގައި ހޯއްދެވި ކާމިޔާބީއާ ގުޅިގެން ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ޑޮކްޓަރ މަހާތީރު ބިން މުޙައްމަދަށް މަރުޙަބާ ވިދާޅުވެ ހެޔޮއެދުންތައް އަރިސްކުރައްވާފައިވެއެވެ.

އަދި ޑޮކްޓަރ މަހާތީރަށް މިލިބިވަޑައިގެންނެވި ކާމިޔާބީއަކީ، އެމަނިކުފާނުގެ ހިންގެވުންތެރިކަމާއި، ޤައުމު ބިނާކުރެއްވުމަށް ދެއްވާފައިވާ އަހަންމިއްޔަތުގެ ސަބަބުން، ކުރިއަށް އޮތް ތަނުގައިވެސް އެމަނިކުފާނު އެޤައުމު ތަރައްޤީގެ އާހަރުފަތްތަތަކަށް ގެންދަވާނެކަމުގެ އިތުބާރާއި ޔަޤީންކަން މެލޭޝިޔާގެ ރައްޔިތުންނަށް އޮތްކަން ހާމަވެގެންދާކަމެއް ކަމުގައި ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން، ރައީސްގެ މެސެޖުގައި ވިދާޅުވެފައި ވަނީ މެލޭޝިއާއަކީ އަބަދުވެސް ދިވެހިރާއްޖެއާ ގާތް ގުޅުމެއް އޮންނަ ރަޙުމަތްތެރި ޤައުމެއްކަމާއި ތަރައްޤީގެ ބައިވެރިއެއް ކަމަށެވެ. އަދި ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެޤައުމަށް އަދި ދެޤައުމުގެ ރައްޔިތުންނަށް ފައިދާ ހުރި ގޮތަށް އެއްބާރުލެއްވުންދެއްވައި، ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަން ޔަޤީންކުރައްވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.