ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން ހައްޔަރުކުރުމަށްފަހު މިހާރު ޖަލުގައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމާއި ބައްދަލު ކުރުމަށް ދޫނިދޫއަށް ދިއުމުގެ ހުއްދަ އެމަނިކުފާނަށް ކާފަ ވިދާޅުވާ ބޭބޭފުޅުންނަށް ދެއްވުމަށް އެމަނިކުފާނުގެ އަނބިކަނބަލަކުން ނަސްރީނާ އިބްރާހީމް އެދިވަޑައިގެންފިއެވެ.
އެކްޓިން ކޮމިޝަނަރ އަބްދުﷲ ނަވާޒަށް އެޑްރެސްކޮށް ނަސްރީނާ ފޮނުއްވި ސިޓީގައި ނަސްރިނާ ވަނީ އެމަނިކުފާނު މާފުށީގައި ހުންނެވި އިރު އެމަނިކުފާނާ ބައްދަލު ކުރުމުގެ ފުރުސަތު ކާފަ ވިދާޅުވާ ބޭފުޅުންނަށް ލިބުނު ކަމަށާއި އެހެން ކަމުން ދޫނިދޫގައި ހުންނަވާ އިރު ވެސް އެ ފުރުސަތު ލިބިދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އަދި ރައީސް މައުމޫންގެ ހާލުކޮޅު ދެކިލަން ކާފަ ބޭފުޅުން ނުހަނު ބޭނުންވާ ކަމަށް ވެސް ނަސްރީނާ ވިދާޅުވެފައިވެއެވެ.
ރައީސް ޔާމީންގެ ބޮޑު ބޭބޭފުޅު، މައުމޫން ހައްޔަރުކޮށް ދައުވާ ކުރަމުންދަނީ ރާއްޖޭގެ ގާނޫނީ ސަރުކާރު ވައްޓާލުމަށް އުޅުއްވި ކަމުގެ ތުހުމަތުގައެވެ. އުމުރުފުޅުން 80 އަހަރަށްވުރެ މަތިވެފައިވާ މައުމޫންގެ އާއިލާއިން މި މަހުގެ ދެވަނަ ދުވަހުން ފެށިގެން ގެންދަވަނީ އެމަނިކުފާނުގެ ބަލިހާލުކޮޅު ގޯސްކަމަށް ވިދާޅުވެ އެމަނިކުފާނު ގެއަށް ބަދަލު ކުރުމަށް ގޮވާލަމުންނެވެ.
ރައީސް މައުމޫނަށް ސިއްހީ މައްސަލައެއް ކަމަށްވާ 'ބިނައިން ޕެރޮކްސިސްމަލް ޕޮޒިޝަނަލް ވަރޓިގޯ' (ބީ.ޕީ.ޕީ.ވީ) ޖެހިފައިވާތީ އެމަނިކުފާނުގެ އަރިހުގައި އަބަދުވެސް މީހަކު ހުންނަން ޖެހޭކަމަށް ޑޮކްޓަރު ވަނީ ލަފާ ދެއްވާފައެވެ.
މިބައްޔަށް މިދިޔަ ޑިސެމްބަރު މަހުވެސް ރައީސް މައުމޫނަށް ފަރުވާދެއްވާފައިވާކަމަށް އައިޖީއެމްއެޗް ގެ އީއެންޓީ ސްޕެޝަލިސްޓެއް ވިދާޅުވެ، ދެއްވާފައިވާ ލިޔުމެއް އާއިލާއިން ވަނީ ކަމާއި ބެހޭ ފަރާތްތަކާއި ހަވާލުކޮށްފައެވެ.