Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

ރިޔާސީ އިންތިޚާބަށް ފޯކަލް ޕޮއިންޓުން ހޯދަނީ

އިލެކްޝަންސް ކޮމިޝަން - ފޮޓޯ: ރާއްޖެއެމްވީ

މިއަހަރު ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް ފޯކަލް ޕޮއިންޓުން ހޯދަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއުލާނުކޮށްފި އެވެ.

އެ ކޮމިޝަނުން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ރަށު ފޯކަލް ޕޮއިންޓުންގެ ގޮތުގައި 179 ބޭފުޅަކާއި، އަތޮޅު ފޯކަލް ޕޮއިންޓުންގެ ގޮތުގައި 18 ބޭފުޅެއްގެ އިތުރުން އައްޑޫއާއި ފުވައްމުލަކު ސިޓީއަށް ދެ ފޯކަލް ޕޮއިންޓުން ހޯދަން ބޭނުންވާ ކަމަށެެވެ.

ފޯކަލް ޕޮއިންޓުންގެ ގޮތުގައި ކަނޑައަޅާ ބޭފުޅުން މަސައްކަތަށް ނިކުންނަވާ ކޮންމެ ދުވަހަކަށް 200 ރުފިޔާއާއި ކަނޑައެޅިފައިވާ އުސޫލުން ފޯކަލް ޕޮއިންޓުންނަށް ފޯނު އެލަވަންސުގެ ގޮތުގައި މަހަކު 150 ރުފިޔާ ދޭނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ފޯކަލް ޕޮއިންޓަކަށް ވުމަށް ކުރިމަތިލާ ބޭފުޅުންނަކީ ރަށު ކައުންސިލް އިދާރާގައި ނުވަތަ އަތޮޅު ކައުންސިލް އިދާރާގައި ނުވަތަ ސިޓީ ކައުންސިލް އިދާރާއެއްގައި މަސައްކަތްކުރާ ބޭފުޅަކަށް ވާންޖެހޭނެ ކަމަށާއި އަދި އެބޭފުޅަކީ ކޮމިޝަނުން ހަވާލުކުރާ އިންތިހާބާ ބެހޭ މަސައްކަތްތައް އިސްނަގައިގެން އަމިއްލައަށް ކުރުމުގެ ގާބިލުކަމާއި، ތައުލީމާއި، ތަޖުރިބާ ހުރި މީހަކު ކަމުގައި ކޮމިޝަނަށް ގަބޫލުކުރެވޭ މީހަކަށް ވާންޖެހޭނެ ކަމަށްވެސް އެ ކޮމިޝަނުން ބުނެއެވެ.

މީގެ އިތުރުން އެ އިއުލާނުގައި ބުނެފައި ވަނީ އެ ބޭފުޅަކީ އެއްވެސް ސިޔާސީ ޕާޓީއެއްގެ އިންތިހާބީ މަގާމެއް ނުވަތަ ޕާޓީގެ ފަރާތުން އައްޔަންކޮށްފައިވާ މަގާމެއް ފުރާ ބޭފުޅަކަށް ވެގެން ނުވާނެ ކަމަށާއި އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕޭން ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވާ މީހަކު ކަމުގައި އެ ބޭފުޅަކު ވެގެން ނުވާނެ ކަމަށެވެ.

އިންތިޚާބުގެ ފޯކަލް ޕޮއިންޓަކަށް ވުމަށް ކުރިމަތިލާ ބޭފުޅުންނަކީ އިންތިޚާބަށް ކުރިމަތިލާ އެއްވެސް ކެންޑިޑޭޓެއްގެ އާއިލީ މެމްބަރަކަށް ވެގެން ނުވާނެ ކަމަށާއި އަދި ކެންޑިޑޭޓެއްގެ އިންތިޚާބީ އެޖެންޓަކަށް ނުވުމާއެކު ސިޔާސީ ހަރަކާތްތަކުގައި އިސް ރޯލެއް އަދާކުރާ މީހަކު ކަމުގައި ވެގެން ނުވާނެ ކަަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

އެ އިއުލާނުގައިވާ ގޮތުން ފޯކަލް ޕޮއިންޓްގެ މަސްއޫލިއްޔަތަކީ އިލެކްޝަންސް ކޮމިޝަނާއި ރަށް ނުވަތަ އަތޮޅު ނުވަތަ ސިޓީ ކައުންސިލްގެ އިދާރާއާއި ދެމެދު ހިނގާ ހުރިހާ މުއާމަލާތްތައް ހިންގުމުގައި މެދުވެރިއެއްގެ ރޯލު އަދާކުރުމާއި، އިންތިހާބާ ގުޅޭ އެންމެހާ މަސައްކަތްތައް އިންތިޒާމުކުރުމާއި، ހިންގައި ބެލެހެއްޓުމުގެ އިތުރުން ކޮމިޝަނުން ހިންގާ ޕްރޮގްރާމްތައް ހިންގުމާއި، މިކަންކަމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ކޮމިޝަންގެ އިރުޝާދާ އެއްގޮތްވާ ގޮތުގެމަތިން ކުރުމެވެ

މިމަގާމަށް ކުރިމަތިލުމަށް ޝައުގުވެރިވާ ބޭފުޅުން މިމަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ޖެހުމުގެ ކުރިން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭނެ އެވެ.