Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

"ކޮރަޕްޝަން ހުއްޓުވުމަށްޓަކައި ވޯޓް ދޭންވީ ރައީސް ޔާމީނަށް"

ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކު - ފޮޓޯ: މޯލްޑިވްސް ޓައިމްސް

ދިވެހިރާއްޖޭގައި ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވުމަށްޓަކައި ވޯޓް ދިނުން އެންމެ ހައްޤީ ރައީސް އަބްދުﷲ ޔާމީނަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަދި ވެރިކަންކުރާ ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެއެވެ.

މެލޭޝިއާގައި ބޭއްވި އިންތިޚާބަށް އަލިއަޅުއްވާލައްވަމުން ނިހާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ކޮރަޕްޝަނާއި ދެކޮޅަށް މެލޭޝިއާގެ ރައްޔިތުން ވޯޓް ދިނުމަކީ ވަރަށް އުފާވެރި ޚަބަރެއް ކަމަށެވެ.

އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ދެވަނަ ދައުރަކަށް ރައީސް އަބްދުﷲ ޔާމީން އަށް ވޯޓްދޭންވީ ސަބަބަކީ ވެސް އެއީ ކަމަށެވެ.

"އެހެނީ ކޮރަޕްޓް ކޮންމެ މީހަކު ރައީސް ޔާމީންގެ ވެރިކަމުގަ ޝަރީޢަތް ކޮށް ޖަލުގެ ގޮޅިއަށް ފޮނުވިފަ ވާތީ"، ނިހާން ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ނިހާން ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މެލޭޝިއާގައި އިއްޔެ ބޭއްވީ ބަރުލަމާނީ އިންތިޚާބެއް ކަމަށާއި، އެހެންނަމަވެސް ރާއްޖޭގައި މި އަހަރު އޮންނާނީ ރިޔާސީ އިންތިޚާބެއް ކަމަށެވެ. އަދި ވަކިވަކި މަޖިލިސް ގޮނޑިތަކުގެ އިންތިޚާބާ ރިޔާސީ އިންތިޚާބު ތަފާތުވާނެ ކަމަށްވެސް ނިހާން ވިދާޅުވި އެވެ.

މެލޭޝިއާގެ އިންތިޚާބުގައި ބޮޑުވަޒީރު ނަޖީބު ރައްޒާގު ބަލިކޮށް ކުރީގެ ބޮޑުވަޒީރު މަހާތިރު މުހައްމަދު އިންތިޚާބު ކާމިޔާބު ކުރައްވާފައިވާއިރު، މިއަދުގެ ވަގުތެއްގައި މަހާތީރު ބޮޑުވަޒީރު ކަމުގެ ހުވައި ކުރައްވާނެއެވެ.

މިއީ ފާއިތުވި 61 އަހަރުގެ ތެރޭގައި ބީއެން ޕާޓީ އިންތިޚާބަކުން ބަލިވި ފުރަތަމަ ފަހަރެވެ.