ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން އެކަށީގެންވާ ހިދުމަތެއް ނުލިބޭ ވާހައަކީ އާ ވާހަކައެއް ނޫނެވެ. އެ ޝަކުވާތައް ރައްޔިތުން ދަނީ މެދުކެނޑުމެއް ނެތި ކުރަމުންނެވެ. އެއްކޮޅުން ހޮސްޕިޓަލްގައި ޑޮކްޓަރުން ނުތިބޭ ވާހަކަ އެވެ. އަނެއްކޮޅުން ހިދުމަތް ދޭނެ އެކަށީގެންވާ ވަސީލަތްތައް ނެތް ވާހަކަ އެވެ.
ހަމަ މިއާ އެކު ތަނުގެ ޖާގައިގެ ދަތިކަމާއި އިމާރާތް ބާވުން ފަދަ މައްސަލަތަކަކީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލާ މެދު އާންމުންގެ ތެރޭގައި އޮތް އުދާސްތަކާއި ކަންބޮޑުވުންތަކެވެ.
މާލެ ފިޔަވައި ރާއްޖޭގައި ދެވަނަ އަށް އެންމެ ބޮޑު އާބާދީއެއް އޮތް އަައްޑޫގައި ސިއްހީ ހިދުމަތް ތަރައްގީ ނުކުރެވި، ރައްޔިތުންނަށް ފެންވަރު ރަނގަޅު، އިތުބާރު ކުރެވޭ ހިދުމަތެއް ނުލިބުމަކީ ކުޑަ މައްސަލައެއް ނޫނެވެ. އެއީ ރައްޔިތުން ގްބޫލް ކުރާ ގޮތުގައި ހަމަ ވަރަށް ސީރިއަސް މައްސަލައެކެވެ.
މީގެ ތެރެއިން ވެސް އެންމެ ކަންބޮޑުވާން ޖެހޭ އެއް މައްސަލަކީ 1984 ވަނަ އަހަރު ހުޅުވައި ހިދުމަތް ދޭން ފެށި، ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ދިމާވެފައިވާ ޑޮކްޓަރުންގެ މައްސަލަތަކެވެ.
ބޭނުންވާ ވަރަށް، ބޭނުންވާ ދާއިރާތަކަށް ޑޮކްޓްރުން ނުލިބެނީ އެވެ. އަދި އައްޑޫގައި މަސައްކަތް ކުރަން ޑޮކްޓަރުން އައި ނަމަވެސް އެ މީހުން ހަރުލާ ގޮތް ނުވަނީ އެވެ. ސުވާލަކީ ކީއްވެތޯ އެވެ؟
ގިނަ ބަޔަކަށް އެ ސުވާލަށް ދޭ ޖަވާބަކީ މިއެވެ؛ ޑޮކްޓަރުންނަށް އެއްވެސް ރައްކާތެރި ކަމެއް ނެތީ އެވެ.
ރަށު ތެރޭގައި އެގޮތް މިގޮތަށް ތަފާތު ކުށްތަކަށް އަރައިގަތުމުގެ އާދަ ހިފާފައި ތިބި ބައެއް މީހުންގެ ހަމަލާތަކާއި އިންޒާރުތައްް ޑޮކްޓަރުންނަށް ލިބެނީ އެވެ. މަރުގެ އިންޒިރާ ދިނުމާއި ތަފާތު ގޮތްގޮތަށް ބިރު ދެއްކުމާއި ޑޮކްޓަރުން ދިރިއުޅޭ ތަންތަނުން ވައްކަން ކުރުން ވެސް ހަމަ އެހާ އާންމު ކަމަކަށްވެފައި އޮތީ އެވެ.
މިފަދަ ކިތަންމެ ހާދިސާތަކަކާ ގުޅިގެން އައްޑޫ ދޫކޮށްފައި ކިތަންމެ ޑޮކްޓަރުންނެއް ހިނގައްޖެ އެވެ. ދެން ދުވަހަކު ވެސް ނާންނާ ކަމަށް ވައުދުވެފަ އެވެ. މިކަމުގެ ދެރަ އާއި ގެއްލުން ލިބެނީ ހަމަ އައްޑޫ ރައްޔިތުންނަށެވެ. މިއީ ފުންކޮށް ވިސްނާލަން ޖެހޭ ކަމެކެވެ.
މަސައްކަތުގެ މާހައުލުގެ ރައްކާތެރި ކަމާއި ދިރިއުޅޭ ތަނުގެ ރައްކާތެރިކަމާ ދޭތެރޭ ސުވާލު އުފެދޭ ނަމަ، ކޮންމެ ބަޔަކަށް ވެސް ދެން އޮންނާނީ މިފަދަ ގޮތެކެވެ. ވަރަށް ބޮޑަށް ބޭނުންވެގެން، ވަރަށް ޝައުގުވެރިކަމާ އެކު އައްޑޫގައި މަސައްކަތް ކުރާ ވަރަށް ގިނަ ޑޮކްޓަރުންތަކެއް މާޒީގެ ތެރެއިން ވެސް އައްޑޫން ފެނިފައި އެބަ ހުއްޓެވެ. އެހެން ނަމަވެސް ދިމާވާ އެކި ކަހަލަ ނޭދެވޭ ކަންތައްތަކާ ހެދި މަޑު ކުރަން ބޭނުންވެގެން، ކިތަަންމެ ޑޮކްޓަރުންނެއް ހިނގައްޖެ އެވެ.
އެކަމުން ފިލާވަޅު ލިބި ގަނެ، ހަރުދަނާ ފިޔަވަޅުތަކެއް ވެސް އަޅަން ވެއްޖެ އެވެ. ބައެއް މީހުންގެ ފަރާތުން ކުރިމަތިވާ މިފަދަ ނާތަހުޒީބް އަމަލުތަކާ ހެދި އައްޑޫގެ މުޅި އާބާދީ ސިއްހީ ހިދުމަތުން މަހުރޫމްވުމަކީ ގަބޫލް ކުރެވޭނެ ކަމެއް ނޫނެވެ. ރާއްޖޭގައި މަސައްކަތް ކުރާ ގިނަ ޑޮކްޓަރުންނަކީ އަވަށްޓެރި ގައުމުތަކުން އަންނަ ޑޮކްޓަރުންނެވެ.
އެ މީހުން ރާއްޖެ އަންނަނީ ރާއްޖެއަކީ އަމާން ރައްކާތެރި ތަނެއްގެ ގޮތުގައި އުންމީދުކޮށްގެންނެވެ. އެކަމަކު ފަހުން ކުރަން ޖެހެނީ ހިތި ތަޖުރިބާތަކެކެވެ. ކުރިމަތިލާން ޖެހެނީ ހީ ވެސް ނުކުރާ ކަހަލަ ބިރުވެރި ކަންތައްކަކާ އެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ ކުރީގެ މެނޭޖްމަންޓާއި މިހާރުގެ މެނޭޖްމަންޓްގެ ވެސް އެންމެ ބޮޑު ބޮލުގެ ރިހުމަކީ އައްޑު އަށް ޑޮކްޓަރުން ހޯދަން ދަތިވާ މައްސަލަ އެވެ. ކޮންމެހެން ބޭނުންވާ ޑޮކްޓަރުން ވެސް ހަމަ ނުލިބެނީ އެވެ.
އަނެއްކޮޅުން ތިބި ޑޮކްޓަރުންތަކެއް ނަމަ އެގްރިމަންޓް ވެސް ހަމަވުމުގެ ކުރިން އެނބުރި ދަނީ އެވެ. ނުވަތަ އެގްރިމަންޓް އިތުރަށް އާ ކުރަން ބޭނުން ނުވެ، ޑޮކްޓަރުން ދާން ޖެހެނީ އެވެ. މިފަދަ ސަބަބުތަކާ ހެދި މިހާރު ވެސް އައްޑޫގައި ކޮންމެހެން ލިބެން ޖެހޭ ބައެއް ހިދުމަތްތައް ނުލިބެ އެވެ. ރައްޔިތުންގެ ކަންބޮޑުވުމަކީ އެއީ އެވެ. މި މައްސަލަ އަށް ހައްލެއް އަންނާނީ ކޮން އިރަކުންތޯ އެއީ ރައްޔިތުންގެ ބޮޑު ސުވާލެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުﷲ ސައީދު ވިދާޅުވީ ސެކިއުރިޓީ އިޝޫގެ އިތުރަށް ޑޮކްޓަރުން ހޯދަން އުނދަގޫވާ އަނެއް މައްސަލައަކީ މުސާރައިގެ މައްސަލަ ކަމަށެވެ. ލިބޭ މުސާރަ އާ ދޭތެރޭ ހިތްހަމަނުޖެހިގެން އައްޑޫން ދާ ޑޮކްޓަރުންނާއި އަންނަން ބޭނުންވާ ޑޮކްޓަރުން ވެސް ތިބިކަން އޭނާ ފާހަގަ ކުރެއްވި އެވެ. އެހެން ނަމަވެސް މެދުކެނޑުމެއް ނެތި ހެލްތު މިނިސްޓްރީ އާ ގުޅިގެން ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ޑޮކްޓަރުން ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ސައީދު ވިދާޅުވި އެވެ.
އެކަމަކު ޑޮކްޓަރުން އައްޑު އަށް ގެނެވެން އޮތީ އެ ދެ މައްސަލަ އަށް ވެސް އެކަށީގެންވާ ހައްލެއް ހޯދައި ދެވިގެންނެވެ. އަދި ކުރިއަށް އޮތް ތަނުގައި މިހާރު ހުރި 50 އެނދުގެ ހޮސްޕިޓަލްގެ ބަދަލުގައި 100 އެނދުގެ އާ ހޮސްޕިޓަލެއް އިމާރާތް ކުރެވިގެންދާ އިރު، މިހާރު ހުރި ހުރި މައްސަލަތަކަށް ހައްލެއް ގެނެވިގެން ނޫނީ އެ ހޮސްޕިޓަލްގެ ފައިދާއެއް ވެސް ރައްޔިތުންނަކަށް ނުކުރާނެ އެވެ.
ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ޑޮކްޓަރުންގެ ސެކިއުރިޓީ އަށް އެކަށީގެންވާ ހައްލެއް ހޯދޭނީ ޑޮކްޓަރުންނަށް ހާއްސަ އެކޮމޮޑޭޝަން އިމާރާތެއް ހަދައި، އެތަނުގެ ސެކިއުރިޓީ ބެލެހެއްޓިގެންނެވެ.
"އެއީ މިހާރުން މިހާރަށް ވެސް ކުރަންވެއްޖެ ކަމެއް. މިހާރު މިކޮޅަށް ޑޮކްޓަރުން މި ތިބެނީ ރަށުގެ އެކި ސަރަހައްދުތަކުން ގެތައް ކުއްޔަށް ނަގައިގެން. އެހެންވީމާ އެފަދަ ގޮތަކަށް މިކަން އޮތްވައި ސެކިއުރިޓީ ކަންތައް ހަމަޖައްސަން ފަސޭހައެއް ވެސް ނުވާނެ،" ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅަކު ވިދާޅުވި އެވެ. "އެ ސަބަބާ ހުރެ އެބަ ބޭނުންވޭ ޑޮކްޓަރުންނާއި ނަރުހުންނަށް ހާއްސަ އެޕާޓްމަންޓެއް. އޭރުން އެތަނަކަށް ފޯކަސްކޮށްގެން ސެކިއުރިޓީ ބަލަހައްޓަން ދައްޗެއް ނުވާނެ."