މެންޗެސްޓާ ޔުނައިޓެޑާއި ވެސްޓް ހެމް ރޭ ލީގުގައި ބައްދަލު ކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެ ނިމުމާއެކު މިސީޒަނުގައި ޔުނައިޓެޑުގެ ކީޕަރު ޑޭވިޑް ޑެހެއާ ކޮޅަށް ގޯލެއް ނުވަދެ ނިންމާލި 18 ވަނަ މެޗާއެކު ޕްރިމިއާ ލީގު ގޯލްޑެން ގްލޮވް އެވޯޑު ހޯދައިފިއެވެ.
ޔުނައިޓެޑުގެ އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި ކުޅުންތެރިންގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް މި ސީޒަނުގައި ހޯދާފައިވާ ޑެހެއާ ވަނީ ޕްރިމިއާ ލީގު މޮޅު ކުޅުންތެރިޔާގެ މަގާމަށް ވެސް ނޮމިނޭޓު ވެފައެވެ.
ރޭ ކުޅުނު މެޗު 0-0 އިން އެއްވަރުވުމާއެކު މެން ޔުނައިޓެޑަށް ވަނީ މިސީޒަނުގެ ތާވަލުގެ ދެވަނަ މަގާމު ކަށަވަރު ވެފައެވެ. ނަމަވެސް ޔުނައިޓެޑު އޮތީ ޗެމްޕިއަން، ސިޓީއާ 19 ޕޮއިންޓު ފަހަތުގައެވެ.
ޔުނައިޓެޑުން ލަނޑެއް ޖެހުމަށް ގިނަ މަސައްކަތް ކުރި ނަމަވެސް ރޭގައި ވެސްޓް ހެމްގެ ކީޕަރު އެޑްރިއަން ވަނީ ރަނގަޅު މޮޅު ކުޅުމެއް ދައްކައި، އެލެކްސިސް ސަންޗޭޒް އަދި ލިންގާޑާއި ޕޮގްބާގެ ހަމަލާތައް ދިފާއު ކޮށްފައެވެ. މީގެ އިތުރުން ޔުނައިޓެޑު ޑިފެންޑަރު ޝޯ ފޮނުވާލި ބާރު ބޯޅަވެސް އޭނާ ދިފާއު ކުރުމުން އަމާޒު ވެގެން ދިޔައީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.
ދެވަނައިގައި ޔުނައިޓެޑު ސީޒަން ނިންމާލާއިރު މިއީ ކުލަބުގެ ތާރީޚުގައި އެންމެ ކާމިޔާބު ކޯޗު، އެލެކްސް ފާގަސަން ރިޓަޔާ ކުރުމަށް ފަހު މެންޗެސްޓާ ޔުނައިޓެޑުން ލީގު ތާވަލުގެ އެންމެ ކުރިއަށް ޖައްސާލި ސީޒަނެވެ. އަދި އެންމެ ގިނަ ޕޮއިންޓާއި އެންމެ ގިނަ ގޯލު އަދި އެންމެ މަދު ގޯލު ކޮޅަށް ވަން ވެސް ސީޒަނެވެ.