Last Updated: June 12, 02:23
Thursday, June 11, 2026
ޚަބަރު

ވަގަށް ނެގި ފައިސާ ހޯދުމަށް މަހާތީރު ވައުދު ވެއްޖެ

މެލޭޝިޔާގެ ވެރިކަމުގައި ނަޖީބުއް ރައްޒާގް ހުންނެވި ދުވަސްވަރު ދައުލަތުން "ވަގަށް ނަގާފައިވާ" ފައިސާ ހޯދާނެ ކަމަށް މެލޭޝިޔާގެ އާ ބޮޑުވަޒީރު ޑރ. މަހާތީރު ވައުދުވެ ވަޑައިގެންފިއެވެ.

އެގައުމުގެ ބޮޑުވަޒީރުގެ މަގާމުގައި ގިނަ ދުވަސްތަކެއް ވަންދެން ހުންނެވި ޑރ. މަހާތީރު އަލުން ގައުމުގެ ވެރިކަމާއި ހަވާލުވުމަށް ފަހު މަހާތީރު ވަނީ ދައުލަތުގެ ފައިސާއިން ޚިޔާނާތްތެރިވި ފަރާތްތަކާ ގާނޫނު އަރާ ހަމަ ކުރާނެ ކަމަށް ވިދާޅުވެފައެވެ.

އަދި ނަޖީބުއް ރައްޒާގް ވެސް ދައުލަތުގެ ފައިސާއިން ޚިޔާނާތްތެރި ވެފައިވާ ނަމަ އެކަމަށް އޭނާ ޖަވާބުދާރީ ވާން ޖެހޭނެ ކަމަށް ޑރ. މަހާތީރު ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. މަހާތީރު ވަނީ ޖަލަށް ލާފައިވާ ކުރީގެ އޭނާގެ ނައިބު، އަންވަރު އިބްރާހީމަށް ރިޔާސީ މައާފު، ރަސްގެފާނު އަރުވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

މެލޭޝިޔާއަށް ގެނެވުނު ކުއްލި ބަދަލާއެކު ދެކުނު އޭޝިޔާއާއި މުޅި ދުނިޔެވެސް އެގައުމުން ދެން އަޅާނެ ފިޔަވަޅަކަށް އިންތިޒާމު ކުރަމުން އަންނަ އިރު ދައުލަތުގެ ފައިސާއިން ޚިޔާނާތްތެރި ވެފައިވާ ކަމަށް ކުރީގެ ބޮޑުވަޒީރު ނަޖީބަށް ވަނީ ތުހުމަތު ކުރެވިފައެވެ.