ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ގަސްދުކުރައްވައި، ރައްޔިތުންނާ ހަމައަށް ގެނެސްދެއްވާ މެނިފެސްޓޯ މިވަގުތު ހާމަނުކުރައްވާނެ ކަމަށާއި، ނަމަވެސް ރަމަޟާން މަސް ނިންމާލުމަށް ފަހު އީދަށް ފަހު މެނިފެސްޓޯ ރައްޔިތުންނާ ހަމައަށް ގެނެސްދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ރޭ ޕީޕީއެމުން ރަމަޟާން މަހަށް ސިޔާސީ ހަރަކާތްތައް މެދުކަނޑާލުމަށް ބޭއްވި ބޮޑު ޖަލްސާ، "ހެސްކިޔާފައި" ގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ މިސަރުކާރުން ގިނަ ގުނަ ތަރައްގީ ރައްޔިތުންނަށް އިޚުލާސްތެރިކަމާއެކު ގެނެސްދީފައިވާ ކަމަށެވެ.
އަދި އިޚުލާސްތެރިކަމާއެކު ރައްޔިތުންނަށް ވެރިކަން ކޮށްދެވޭނެ ލީޑަރަކު އިދިކޮޅުގައި ނުހިމެނޭ ކަމަށާއި އެބޭފުޅުންނަށް ވެރިކަމަށް އައުމަށް ފުރުސަތު ނުދިނުމަށް ރައީސް ވަނީ ނުސީދާ ގޮތުން ރައްޔިތުންނަށް ގޮވާލާފައެވެ.
ރައީސް ޔާމީން ވަނީ އަދަދުތަކުން ތަރައްގީ ގެންނަ ވާހަކަ މެނިފެސްޓޯ ގައި ނުލިޔުއްވާނެ ކަމަށް ރޭގެ ޖަލްސާގައި ވިދާޅުވެފައެވެ. ބެލެވޭ ގޮތުން އެމަނިކުފާނުގެ ބަހުގެ ހަމަލާ އަމާޒު ކުރައްވާފައިވަނީ، ދާދި ފަހުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަން އިއުލާން ކުރެއްވި، 2013 ވަނަ އަހަރު ޕީޕީއެމް ޕްރައިމަރީގައި ރައީސް ޔާމީނާ ވާދަ ކުރެއްވުމަށް ފަހު ބަލިވި އުމަރު ނަސީރަށެވެ.
އުމަރު ވަނީ އިންތިޚާބުގައި ވާދަކުރައްވާކަން އިއުލާން ކުރެއްވުމަށް ފަހު އޭނާ އިންތިޚާބު ކުރަންވީ ސަބަބުތަކެއް ވެސް ރައްޔިތުންނަށް އިއްވާފައެވެ. އޭގެ ތެރޭގައި އުމަރު ވަނީ ގެދޮރު ހޯދުމަށް ދައުލަތުގެ ބަޖެޓުން ތިން ބިލިއަން ރުފިޔާ ހޭދަ ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
އުމަރަށް ރައްދު ދެއްވަމުން ރައީސް ޔާމީން ރޭގެ ޖަލްސާގައި ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ފުރަތަމަ ދައުރު ނިމިގެން ދާނީ 15،000 ހައުސިން ޔުނިޓު އެޅިގެން ކަމަށެވެ. ދެން ގެދޮރު ބޭނުންވާނީ ކޮން ބަޔެއްތޯ ރައީސް ޔާމީން ވަނީ ސުވާލު އުފައްދާފައެވެ.
ރައީސް ޔާމީންގެ ވާހަކަފުޅުގައި އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވާއިރު އެމަނިކުފާނު ވަނީ އިދިކޮޅު ފަރާތްތަކުގައި ރައްޔިތުން މުއްސަނދި ކުރާނެ ގާބިލިއްޔަތު ކަމެއް ހުރި ލީޑަރަކު ނެތް ކަމަށް ވިދާޅުވެފައެވެ.
ރޭގެ ޖަލްސާގައި ޕީޕީއެމްގެ އިސް ލީޑަރުން ބައިވެރިވެފައިވެއެވެ. އަދި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކުވެސް ޖަލްސާގައި ބައިވެރިވިއެވެ. ނަމަވެސް ސަރުކާރުން ވަނީ އެއީ މަޖުބޫރުކޮށްގެން ބައިވެރިވާ މީހުން ނޫން ކަމަށް ބުނެފައެވެ.