މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ނަޖީބުއް ރައްޒާގާއި އަނބިކަނބަލުންނަށް ގައުމުން ބޭރަށް ފުރާވަޑައިގަތުން މަނާކޮށް އިއުލާނެއް އެގައުމުގެ އިމިގްރޭޝަނުން ނެރެފިއެވެ.
ގައުމުން ބޭރަށް ފުރުން މަނާ މީހުންގެ ލިސްޓަށް އިމިގްރޭޝަނުން ނަޖީބާއި އޭނާގެ އަނބިކަނބަލުން އަރުވާފައި މިވަނީ އެއް ހަފްތާގެ ޗުއްޓީއަކަށް އާއިލާއާއެކު ގައުމުން ބޭރަށް ފުރާވަޑައިގަތުމަށް ގަސްދުކޮށްފައިވާ ކަން ނަޖީބު އިއުލާން ކޮށްފައި ވަނިކޮށެވެ.
ބޮޑުވަޒީރު ކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ޑރ. މަހާތީރު ވަނީ އެގައުމުގެ މިލްކިއްޔާތުން ގެއްލިފައިވާ ފައިސާ ހޯއްދަވާނެ ކަމަށް ވައުދު ވެފައެވެ. އަދި އެ ފައިސާ ގެއްލުމުގައި ނަޖީބުގެ މަސްލަހަތު ވާ ނަމަ އޭނާ އެކަމަށް ޒިންމާ ނަންގަވަން ޖެހޭނެ ކަމަށް ވެސް ޑރ. މަހާތީރު ވިދާޅުވިއެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި 5.1 ބިލިއަން އެމެރިކާ ޑޮލަރު މެލޭޝިޔާގެ މިލްކިއްޔާތުން ގެއްލިފައިވެއެވެ. އަދި ނަޖީބަށް ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކެއް އަމާޒު ވެފައިވާއިރު އިންތިޚާބުން ބަލިވި މައިގަނޑު އެއް ސަބަބަކީ ވެސް ކޮރަޕްޝަނުގެ ތުހުމަތުތަކެވެ.
މެލޭޝިޔާގެ ބަރުލަމާނީ އިންތިޚާބުގައި ޑރ. މަހާތީރުގެ އިދިކޮޅު ކޯލިޝަނުން ވަނީ 55 އިންސައްތަ ގޮނޑި ކާމިިޔާބުކޮށްފައެވެ.