ދުނިޔެ

މެލޭޝިއާގެ އާ ސަރުކާރުން ޖީއެސްޓީ އުވާލަނީ

މެލޭޝިއާގެ ބައިތުލްމާލުގައި ޖީއެސްޓީ އުނިކޮށްލެވޭވަރަށް ފައިސާ އެބަހުރިކަމަށް އަލަށް އިންތިޙާބުވި ބޮޑު ވަޒީރު ޑރ.މަހާތިރް މުޙައްމަދު ވިދާޅުވެއްޖެއެވެ. އަލަށް އިންތިޙާބުވި ސަރުކާރުންވަނީ 100 ދުވަހުގެ ތެރޭގައި މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް ނިންމުމަކަށް ގެނެސްދެއްވާނެ ކަމަށް ވައުދުވެފައެވެ.

ޑރ.މަހާތިރް ނޫސްވެރިންނާއި ބައްދަކުކުރައްވައި ވިދާޅުވިގޮތުގައި އެގައުމުގައި މިވަގުތަކަށް ޖީ.އެސް.ޓީ ބަދަލުކުރެވިގެންދާނީ ކުރިންވެސް ނަގަމުން އައިގޮތަށް "ސޭލް އެންޑް ސާރިވިސެސް ޓެކްސް" އެސް.އެސް.ޓީ އަށެވެ.
މެލޭޝިއާގައި ކުރިން ނަގަމުންއައި އެސް.އެސް.ޓީގެ ބަދަލުގައި ޖީ.އެސް.ޓީ ނަގަންފެށުނީ 2015 ވަނައަހަރުގެ އެޕްރީލް ފުރަތަމަ ވަނަ ދުވަހުގައެވެ.

މީގެ އިތުރުން ޗައިނާއާއި މެލޭޝިއާއި ދެމެދު ހުރި ވިޔަފާރި އެއްބަސްވުންތަކާއި އިންވެސްޓމެންޓްތަކާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ޑރ.މަހާތިރް ވިދާޅުވީ އެކަންކަމާއި ބެހޭގޮތުން ގޮތެއް ނިންމަވާނީ ކުރީގެ ސަރުކާރުން ވެފައި ހުރި އެއްބަސްވުންތައް އަލުން ދިރާސާކުރުމަށް ފަހުގައިކަމަށެވެ.

ޑރ.މަހާތިރް ވިދާޅުވީ އެންމެ ކަންބޮޑުވާކަމަކީ ކުރީގެ ސަރުކާރުން ނަގާފައިވާ ބޮޑެތި ދަރަނިތައް ކަމަށާއި އޭގެ ސަބަބުން ސަރުކާރަށް ބޮޑު ތަކުލީފެއް ކުރިމަތިވާނެ ކަމަށެވެ. މީގެ ތެރެއިންވެސް ހަމައެކަނި އެގައުމުގެ އިރުމަތީ ސަރަހައްދު ގުޅާލުމަށްއާޅާ ރޭލުވިއުގަ އެޅުމަށް ނަގާފައިވާ 55 ބިލިއަން ރިންގިޓް ޑރ.މަހާތިރް ފާހަގަކުރެއްވިއެވެ.