ދިވެހި ރާއްޖޭގެ ވެރިކަން ކުރާ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަކީ މިވަގުތު ރާއްޖޭގެ ސިޔާސީ މަސްރަހަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ލިބޭނެ ކަމެއް ނޫން ކަމަށް މިސަރުކާރުގެ އިންތިޚާބީ ނައިބު ރައީސް އަދި ގުޅިފައިވާ އިދިކޮޅު އިއްތިހާދުގެ ލީޑަރ، ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރާއްޖެއަށް ބޭނުންވަނީ ތެދުވެރި ވެރިޔެއް ކަމަށެވެ. އަދި ގާނޫނު އަސާސީ އިސްލާހުކޮށް، އަދުލު އިންސާފާއި ސަލާމަތީ ޚިދުމަތްތައް މިނިވަން ކުރަން ޖެހޭ ކަމަށާއި ނަމަވެސް ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަކީ ހައްލެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
ޖަމީލް އިތުރަށް ވިދާޅުވެފައިވަނީ ހުރިހާ ޕާޓީތަކުން ބައިވެގެން ގާނޫނު އަސާސީ އަށް ބަދަލު ގެނައުމަކީ ހުރިހާ ނުބަޔެއްގެ ފެށުން ކަމަށް ޖަމީލް ވިދާޅުވިއެވެ. މަޖިލިސް ތެރެއިން އިދިކޮޅު މެމްބަރުންގެ ތާއީދާއެކު ގާނޫނަށް ބަދަލުގެނެސްގެން އެންމެ ފުރަތަމަ ވަކިކުރީ އޭރު ނައިބު ރައީސަކަށް ހުންނެވި ޑރ. ޖަމީލެވެ. ޖަމީލް ވަނީ އޭރުވެސް އޭނާ ވަކިކުރީ ބޭއިންސާފުން ކަމަށް ބުނެ، ސަރުކާރަށާއި މެމްބަރުންނަށް ފާޑު ވިދާޅުވެފައެވެ.
ޖަމީލް މިހެން ވިދާޅުވެފައިމިވަނީ އިއްތިހާދުގައި ހިމެނޭ އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް ހުށައަޅާނެ ކަމަށް ވިދާޅުވެފައިވަނިކޮށެވެ.