މެލޭޝިޔާގެ ބޮޑުވަޒީރުގެ މަގާމުން ދުރުކުރެވުނު ބަރީސާން ނެޝަނަލް ކޯލިޝަންގެ ޗެއާމަން ކަމާއި ކޯލިޝަނުގެ މައި ޕާޓީ، އުމްނޯގެ ރައީސް ކަމުން ނަޖީބުއްރައްޒާގް އިސްތިއުފާ ދެއްވައިފިއެވެ.
މެލޭޝިޔާގެ ބަރުލަމާނީ އިންތިޚާބު އިދިކޮޅު ކޯލިޝަނުން ކާމިޔާބު ކުރުމުން ނަޖީބު މަގާމުން ދުރުކުރެވި، އެގައުމުގެ ކުރީގެ ބޮޑުވަޒީރު ޑރ. މަހާތީރު އަލުން މަގާމާއި ހަވާލުވެ ބަދަލުތައް ގެންނަން މިހާރު ވަނީ ފައްޓަވާފައެވެ.
އިންތިޚާބަށް ފަހު މިއަދު މީޑިޔާއާ ބައްދަލުކުރައްވައި ނަޖީބު ވަނީ އިސްތިއުފާ ދެއްވާފައެވެ. އޭނާ ވިދާޅުވެފައިވަނީ އިންތިޚާބުން ޕާޓީއަށާއި ކޯލިޝަނަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތި ވެފައިވާ ކަމަށާއި އެހެންކަމުން ކޯލިޝަނުގެ ޗެއާމަންގެ މަގާމާއި ޕާޓީގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވަން ނިންމަވާފައިވާ ކަމަށެވެ.
ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކެއް ނަޖީބަށް ކުރެވިފައިވާއިރު ނަޖީބާއި އަނބިކަނބަލުންނަށް ވަނީ ގައުމު ދޫކުރައްވައި ވަޑައިގަތުންވެސް މަނާ ކޮށްފައެވެ. ގައުމުން ބޭރު ނުވެވޭ ލިސްޓަށް ނަޖީބުގެ ދެ ކަނބަލުން އެރުވީ އާއިލާއާއެކު 1 ހަފްތާ ވަންދެން ގައުމުން ބޭރަށް ޗުއްޓީއަކަށް ވަޑައިގަތުމަށް ގަސްދުކުރައްވާފައިވާކަން ނަޖީބު އިއުލާން ކުރައްވާފައި ވަނިކޮށެވެ.