Last Updated: June 28, 06:55
Sunday, June 28, 2026
ޚަބަރު

މައްސަލަތައް ހައްލުކޮށް ދެވޭނީ ނަޝީދަށް އެކަނި: ސޯބެ

ރާއްޖޭގެ ޖަޒީރާ ރަށްތަކުގެ ރަށްވެހިންނަށް ދިމާވެފައިވާ މައްސަލަތަލާއި އުޅެން ޖެހިފައިވާ ދަތި ހާލުން އަރައިގަތުމަށް މަސައްކަތްކޮށް ދެވޭނެ ހަމައެކަނި ބޭފުޅަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވެއްޖެ އެވެ.

ނަޝީދުގެ "ޖަޒީރާ ރައީސް" ކެމްޕޭން ލޯންޗް ކުރަން ހުކުރު ދުވަހުގެ ރޭ އައްޑޫގައި ބޭއްވި ޖަލްސާގައި މޭޔަރު ވިދާޅުވީ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ރާއްޖޭގެ ހުރިހާ ރައްޔިތުން ވެސް ތިބޭނީ ނަޝީދާ އެކު ކަމަށެވެ. އަދި އެ މަނިކުފާނަށް ވެރިކަމަށް ރައްޔިތުން ވޯޓް ދީގެން ގެންނާނެ ކަމަށް ވިދާޅުވި އެވެ.

ސޯބެ ވިދާޅުވީ ރާއްޖޭގައި ހުރި މައްސަލަތައް ހައްލުކޮށް ދެއްވުމުގެ ފިކުރާއި ވިސްނުމާއި ހިޔާލާތު ހަމައެކަނި ހުންނެވީ ނަޝީދުގަ އެވެ. އަދި އެ މަނިކުފާންގެ ތިން އަހަރުގެ ވެރިކަމުގެ ތެރޭގައި ވެސް އެކަން ފެނިގެން ދިޔަ ކަމަށާއި ނަޝީދު ފައްޓަވާފައި ހުރި މަސައްކަތްތައް ނިންމަން އެ މަނިކުފާނަށް އަލުން ރައްޔިތުން ފުރުސަތު ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

ސޯބެ އަދި ވަނީ ރައްޔިތުންގެ ހައްގުގައި ނަޝީދު ކުރައްވާ މަސައްކަތްތަކަަށް ވަރަށް ބޮޑަށް ޝުކުރު ވެސް އަދާ ކުރައްވައިފަ އެވެ.

"އަޅުގަނޑުމެންގެ ޖަޒީރާ ރަށްވެހިން ބޭނުމެއް ނުވޭ ޓަވަރުގައި ދިރިއުޅޭކަށް. ޖަޒީރާގައި އުޅެން ބޭނުން ވަނީ. އެހެންވީމާ މި ޖަޒީރާ އިން މަނިކުފާނަށް ސައްތައިން ސައްތަ ތާއީދު ލިބޭނެ ކަމުގެ ޔަގީންކަން އަރުވަން،" އޭނާ ވިދާޅުވި އެވެ.

ސޯބެ ވިދާޅުވި ގޮތުގައި ޖަޒީރާ ރަށްވެހިކަމުގައި ރާއްޖޭގައި ވެރިކަން ކުރެއްވޭނެ ބޭފުޅަކީ ނަޝީދުކަން ރާއްޖޭގެ ހުރިހާ ރައްޔިތުން ވެސް ގަބޫލު ކުރެ އެވެ.

"އެހެންވީމާ އަޅުގަނޑުމެން އެންމެން މި ތިބީ ޖަޒީރާ ރައީސް ހޮވަން ވަރަށް ބޮޑަށް ފޫގަޅައި ތައްޔާރުވެގެން،" އޭނާ ވިދާޅުވި އެވެ.