Last Updated: July 28, 11:35
Tuesday, July 28, 2026
ޚަބަރު

ވަކީލަކު ހޯދަން އަލީ އަށް އިތުރު ފުރުސަތެއް ދީފި

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިނަށް ދައުލަތުން ކުރާ ދައުވާއާ ގުޅިގެން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް އަނެއްކާވެސް ދެ ދުވަސް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އާދަމް އާރިފް ދީފިއެވެ.

އަލީ ހުސެއިނަށް އަނެއްކާވެސް ވަކީލަކު އައްޔަން ކުރުމަށް ގާޒީ ފުރުސަތު ދީފައިވާއިރު މިއީ އޭނާއަށް ދެވޭނެ އެންމެ ފަހު ފުރުސަތު ކަމަށް ގާޒީ އާދަމް އާރިފް ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުގެ 21 ވަނަ ދުވަހު ރައްޔިތުންގެ މަޖިލިސް ބަންދުކޮށްފައިވަނިކޮށް، އިތުރު މެމްބަރުންތަކަކާއެކު ގަދަކަމުން މަޖިލީހަށް ވަންނަން އުޅުނު މައްސަލާގައި އަލީ ހުސެއިންގެ އިތުރުން އިދިކޮޅު 12 މެމްބަރަކަށް ވަނީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފަކަށް ހުރަސް އެޅުމުގެ ދައުވާ އުފުލާފައެވެ.

ހުރިހާ މެމްބަރުންނަށް އެއް ދައުވާއެއްގެ ގޮތުގައި މިމައްސަލަ ކުރިއަށް ގެންދަން ނިންމާފައިވި ނަމަވެސް އަލީ ހުސެއިނުގެ ގާނޫނީ ވަކީލެއް ނެތުމުން އޭނާއަށް ގާނޫނީ ވަކީލަކު އައްޔަން ކުރުމަށް މިދިޔަ ޖެނުއަރީ މަހުގައި ވެސް ކްރިމިނަލް ކޯޓުން މައްސަލަ ބެއްލެވި ގާޒީ ވަނީ ފުރުސަތު ދެއްވާފައެވެ.

މިއަދުގެ އަޑުއެހުމުގައި އަލީ ހުސެއިން މިކަމާ ގުޅިގެން ޖަވާބުދާރީ ވަމުން ވިދާޅުވެފައިވަނީ ވަކީލަކު ހަމަޖެހިފައިވާ ކަމަށާއި ނަމަވެސް އަޑުއެހުން ފެށުމުގެ ކުރިން ފޯމު ނުލެވުނު ކަމަށެވެ.

ގާނޫނީ ވަކީލުކުރުމުގެ ހުއްދަ އަލީ ހުސެއިނުގެ އަތުގައި އޮތް ނަމަވެސް ދާދި ފަހުން ވަނީ ހުއްދަ ސަސްޕެންޑު ކޮށްފައެވެ. ކޯޓުތަކުގެ ހުރުމަތް ކެނޑުމުގެ ތުހުމަތުގައި އަލީ ހުސެއިން ވަނީ އެކި ފަހަރު މަތިން ކޯޓަށް ހާޒިރުކޮށް ނަސޭހަތްވެސް ދީފައެވެ.