Last Updated: June 11, 22:21
Thursday, June 11, 2026
ކުޅިވަރު

ޔުވެންޓަސްއިން މޮރާޓާ އަލުން ގެންދަނީ

Photo by Robbie Jay Barratt - AMA/Getty Images)

ޗެލްސީއިން މިސީޒަނުގައި އަލަށް ކުލަބަށް ގެނައި ސްޕެއިންގެ ފޯވާޑް، އަލްވާރޯ މޮރާޓާ އެ ކުލަބުގައި ހޭދަކުރި "ދަތި" ސީޒަނަށް ފަހު ކުލަބު ދޫކޮށް ދާން އުޅޭ ޚަބަރު ފެތުރިފައިވަނިކޮށް އޭނާގެ ކުރީގެ ކުލަބު، ޔުވެންޓަސްއިން މޮރާޓާއަށް ޝައުގުވެރިކަން ހުށައަޅައިފިއެވެ.

އިނގިރޭސި މީޑިޔާތަކުގައި އަޑު ފެތުރިފައިވާ ގޮތުގައި މޮރާޓާ ގެންދަން ޔުވެންޓަސް އިން ޝައުގުވެރިވާކަން މިހާރު ޗެލްސީއަށް ވެސް ވަނީ އަންގާފައެވެ. ބެލެވޭ ގޮތުގައި ސީޒަން ނިމުމުން މޮރާޓާ ޗެލްސީ ދޫކޮށް އެހެން ކުލަބަކަށް ބަދަލުވާނެއެވެ.

ރެއާލް މެޑްރިޑުން ލޯނަކަށް ޔުވެންޓަސްއަށް މޮރާޓާ ގެނައުމަށް ފަހު އޭނާ ވަނީ މޮޅު ކުޅުމެއް އިޓަލީ ގައި ދައްކާފައެވެ. އޭގެ ނަތީޖާއަކަށް ވީ ރެއާލް މެޑްރިޑުން އޭނާ އަނބުރާ ކުލަބަށް ގެނައުމެވެ. ނަމަވެސް ރެއާލްގައި މޮރާޓާގެ ބޭނުން ނުހިފި، ބެންޗުގައި ގިނަ މެޗުތަކުގެ ހުރުމުން އޭނާ ވަނީ ޗެލްސީއަށް 70 މިލިއަން ޔޫރޯއަށް ވިއްކާލާފައެވެ.

ސީޒަނުގެ ކުރީކޮޅު ޗެލްސީގައި މޮރާޓާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު ސީޒަނުގެ މެދުތެރެއަށް އައި ފަހުން އޭނާގެ ފަރާތުން އެދެވޭ ކުޅުމެއް ނުުފެނުނެވެ. މިއަހަރުގައި މޮރާޓާއަށް ލީގުގައި ޖެހިފައިވަނީ އެންމެ ގޯލެކެވެ. އޭނާ ބުނަނީ ލަންޑަނުގައި އުޅުނު ހަޔާތް މާ އުނދަގޫ ކަމަށާއި އޭގެ ސަބަބުން އޭނާގެ ކުޅުމަށް އަސަރުކުރި ކަމަށެވެ.