ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ބޭނުންވާ ބޭނުންވާ ފޯކަލް ޕޮއިންޓްތައް ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން އިއާލާންކޮށްފިއެވެ.
179 ރަށު ފޯކަލްޕޮއިންޓާއި، 18 އަތޮޅު ފޯކަލް ޕޮއިންޓް އަދި 2 ސިޓީ ކައުންސިލް ކަމަށްވާ އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީއަށް ފޯކަލް ޕޮއިންޓުން ހޯދުމަށް ވަނީ އިއުލާންކޮށްފައެވެ.
ފޯކަލް ޕޮއިންޓަށް ކުރިމަތިލައްވާ ފަރާތުގެ ހުންނަން ޖެހޭ ޝަރުތު ތަކުގެ ތެރޭގައި ރަށު ކައުންސިލް އިދާރާގެ ނުވަތަ އަތޮޅު/ސިޓީ ކައުންސިލް އިދާރާއެއްގައި މަސައްކަތްކުރާ ފަރާތެއް ކަމުގައިވުން، އިލެކްޝަންސް ކޮމިޝަނުން ޙަވާލުކުރާ އިންތިޚާބާބެހޭ މަސައްކަތްތައް އިސްނަގައިގެން އަމިއްލައަށް ކުރުމުގެ ޤާބިލުކަމާއި، ތަޢުލީމާއި، ތަޖުރިބާ ހުރި މީހަކު ކަމުގައި ކޮމިޝަނަށް ޤަބޫލުކުރެވޭ މީހެއް ކަމުގައިވުން، އެއްވެސް ސިޔާސީ ޕާޓީއެއްގެ އިންތިޚާބީ މަޤާމެއް ނުވަތަ ޕާޓީގެ ފަރާތުން އައްޔަންކޮށްފައިވާ މަޤާމެއް ފުރާ މީހެއް ކަމުގައި ނުވުން، އެއްވެސް ކެންޑިޑޭޓެއްގެ ކެންޕޭން ޙަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވާ މީހަކު ކަމުގައި ނުވުން، އިންތިޚާބަށް ކުރިމަތިލާ އެއްވެސް ކެންޑިޑޭޓެއްގެ ޢާއިލީ މެންބަރުކަމުގައި ސީދާގޮތުން ނުވުން، އިންތިޚާބަށް ކުރިމަތިލާ ކެންޑިޑޭޓެއް ނުވަތަ ކެންޑިޑޭޓެއްގެ އިންތިޚާބީ އެޖެންޓެއްކަމުގައި ނުވުން އަދި ސިޔާސީ ޙަރަކާތްތަކުގައި އިސް ރޯލެއް އަދާކުރާ މީހަކު ކަމުގައި ނުވުން ހިމެނެއެވެ.
ފޯކަލް ޕޮއިންޓަށް ކުރިމަތިލައްވާ ފަރާތްތަކުގެ މަސްއޫލިއްޔަކަށްވާނީ ކޮމިޝަނާއި އަތޮޅާއި ސިޓީ އަދި ރަށްރަށުގެ ދެމެދު ކުރަން ޖެހޭ މުއާމަލާތްތަކުގެ މެދުވެރިއެއްގެ ރޯލު އަދާކުރުމާއި އިންތިހާބާ ގުޅިގެން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް އިންތިޒާމް ކުރުމާއި އަދި އޭގެ އިތުރުން އިދާރީ މަސައްކަތްތައް ކުރުމާއި ކޮމިޝަނުގެ ޕްރޮގްރާމްތައް ހިންގުން ފަދަ ކަންކަން އެ ކޮމިޝަންގެ އިރުޝާދުގެ ދަށުން ކުރިއަށްގެންދިއުންކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.
ފޯކަލް ޕޮއިންޓެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް އުޖޫރައެއްގެ ގޮތުގައި މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކު 200ރ. އަދި ކަނޑައެޅިފައިވާ އުސޫލެއްގެ މަތިން ފޯން އެލަވަންސްއެއްގެ ގޮތުގައި މަހަކު 150ރ. ލިބޭނެ ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.
މިމަގާމަށް ޝައުގުވެރިވާ ފަރާތްތަކުން 20 މެއި 2018 ވާ އާދިއްތަ ދުހުގެ 14:00 ކުރިން އިލެކްޝަން ކޮމިށަނަށް ހުށަހެޅުމަށް އިއުލާނުގައިވެއެވެ. ފޯކަލް ޕޮއިންޓަށް އެދި ހުށަހަޅާ ފޯމް އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓް އިން ލިބެން ހުންނާނެއެވެ.