އައްޑޫ ސިޓީ ކައުންސިލުން އައްޑޫގެ އެކި އަވަށްތަކުގެ ރައްޔިތުން ބާބަކިއު ހެދުމަށް ސްޓޭންޑުތަކެއް ފަރުމާ ކުރުމަށް ކުރި އިއުލާނަކީ އެފަދަ ކަމެއް ކުރުމަށް ނަގަން ޖެހޭ ހުއްދަ ނުނަގައި ކުރި ކަމެއް ކަމަށްވާތީ، އެމަސައްކަތް ހަވާލުކުރެވުނު އިދްރީސް ކާޕެންޓްރީއަށް މަސައްކަތް ކުރިއަށް ނުގެންދިއުމަށް ހައުސިން މިނިސްޓްރީން އަންގައިފިއެވެ.
ހައުސިން މިނިސްޓްރީގެ ލޭންޑް، ބިލްޑިން އެންޑް މުނިސިޕަލް ސާވިސެސްގެ ފަރާތުން އައްޑޫ ސިޓީއަށް ކަނޑައަޅުއްވާފައި ހުންނެވި އެގްޒެކެޓިވް ކޯޑިނޭޓަރ އަބްދުﷲ ޒުހައިރު ސޮއިކުރައްވައި އިދްރީސް ކާޕެންޓްރީގެ ވެރިޔާއަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ކައުންސިލުން ކުރި އިއުލާނަކީ ހަމަޖެހިފައިވާ އުސޫލުގެ ދަށުން ކުރި އިއުލާނެއް ނޫން ކަމަށެވެ.
އަދި ހޯދަން ޖެހޭ ހުއްދަ ހޯދުމަށް ކައުންސިލަށް ސިޓީއެއް ވެސް ފޮނުވާފައިވަނިކޮށް އިދްރީސް ޓްރޭޑިންއާ މަސައްކަތް ހަވާލުކޮށްފައިވާކަން މީޑިޔާގެ ޒަރިއްޔާއިން އެނގިފައިވާ ކަމަށާއި އެހެންކަމުން އެކަމަކީ ހުއްދަ ލިބިގެން ކުރެވުނު ކަމަކަށް ނުވާތީ އެ މަސައްކަތް ނުކުރުމަށް ވެސް އިދްރީސް ކާޕެންޓްރީއަށް މިނިސްޓްރީން ވަނީ އަންގާފައެވެ.
އަދި އެ އެންގުމަށް އިޖާބަ ނުދީ މަސައްކަތް ކުރިއަށް ގެންދާނަމަ އެކަށީގެންވާ ފިޔަވަޅު އެޅޭނެ ކަމަށް ވެސް މިސިޓީގައި ބުނެފައިވެއެވެ. އިދުރީސް ޓްރޭޑިންއާ އައްޑޫ ސިޓީ ކައުންސިލާ ދެމެދު ހިތަދޫ މެދު ދާއިރާގައި ޕިކްނިކް އޭރިޔާ ތަރައްގީ ކުރުމަށް އެއްބަސްވުމެއް ހެދުނީ މިދިޔަ އަންގާރަ ދުވަހުގައެވެ.