Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ރޯދަ މަހު މުދާ އުފުލާ ގަޑިތަކަށް ބަދަލު ގެނެސްފި

ރޯދަ މަހު މުދާ އުފުލާ ގަޑިތަކަށް ބަދަލު ގެނެސްފި - ފޮޓޯ: އަވަސް

މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ ނިޔަލަށް މާލޭގައި ވިޔަފާރި އުޞޫލުން އެއްގަމު އުޅަނދުގައި ގަނޑުކޮށް މުދާ އުފުލުމަށް ހަމަޖެހިފައިވާ ގަޑިތަކަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ އިން ބަދަލު ގެނެސްފިއެވެ.

އެ އޮތޯރިޓީ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ރޯދަ މަހު ހަވީރު 6:00 އިން ފެށިގެން ހެނދުނު 8:00 އަށް ހުރިހާ ބާވަތެއްގެ މުދާ، ހުރިހާ ގިންތިއެއްގެ މުދާ އުފުލާ އުޅަނދުގައި އުފުލޭނެ ކަމަށެވެ. އަދި މީގެ އިތުރުން ހެނދުނު 10:00 އިން ފެށިގެން 15:00 އަށް ފެނާއި ކައްކާ ގޭސް، 350kg އަށްވުރެ ލުއި މުދާ އުފުލުމަށް ހުއްދަކުރާ އެއްގަމު އުޅަނދެއްގައި އުފުލޭނެ ކަމަށްވެސް އެ އިއުލާނުގައި ވެއެވެ.

އެ އޮތޯރިޓީ އިން ބުނީ ހަވީރު 15:00 އިން ފެށިގެން 18:00 އާއިދެމެދު އެއްވެސް ބާވަތެއްގެ މުދަލެއް ގަނޑުކޮށް، އެއްވެސް ބާވަތެއްގެ އުޅަނދެއްގައި ވިޔަފާރި އުޞޫލުން އުފުލުމަކީ މަނާކަމެއް ކަމަށެވެ.

މިހާރު އަމަލުކުރަމުންދާ ގޮތުން މާލެ ތެރެއަށް ވިއްކުމަށާއި ގުދަން ކުރުމަށް ގަނޑުކޮށް އުފުއްލާ މުދަލާއި، ލަކުޑި، ދަގަނޑު، ހިލަ، ހިލަވެލި، ބިއްލޫރި، ސިމެންތި، ޢިމާރާތްކުރުމަށް ބޭނުންކުރާ ގަލާއި، ބުއިމަށް ބޭނުންކުރާ ފެނާއި އެހެނިހެން ބުއިންތަކާއި އެނޫންވެސް މިފަދަ އެންމެހާ ތަކެތި އެއްތަނުން އަނެއްތަނަށް އުފުލޭނީ 18:00 އިން ފެށިގެން ހެނދުނު 06:00 އާއި ދެމެދުގައެވެ. އަދި ޑެލިވަރީގެ ގޮތުގައި އުފުލާ ކައްކާ ގޭސް އުފުއްލަންވާނީ ހެނދުނު 08:30 އިން ފެށިގެން 11:00 އަށް އަދި 18:00 އިން ފެށިގެން ހެނދުނު 06:00 އާއި ދެމެދު ކަމަށް ވަނީ ކަނޑައަޅާފައެވެ.