Last Updated: June 26, 17:59
Friday, June 26, 2026
ޚަބަރު

އުއްތަމަ ފަނޑިޔާރާ ދެކޮޅަށް ހުށަހެޅި ހެކި ސިއްރުކުރަނީ

ޝަރީއަތަށްފަހު އުއްތަމަ ފަނޑިޔާރު ލޯންޗަށް އަރުވަނީ - ފޮޓޯ: ވަގުތު

މިހާރު ޖަލުގައި ހުންނެވި އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް އަބްދުﷲ ސައީދަށް ދައުލަތުން ކުރާ ޓެރަރިޒަމްގެ ދައުވާގައި ދައުލަތުން ހުށަހެޅި ގިނަ ހެކިތަކެއް ސިއްރު ކުރަން ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު 9 ސިޔަާސީ ލީޑަރުން މިނިވަންކުރުމަށް ޙުކުމްކޮށް ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކޮށްގެން ހައްޔަރުކޮށް، ދައުވާ އުފުލާފައިވާ އުއްތަމަ ފަނޑިޔާރުގެ މައްޗަށް ކުރަނީ ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައި ޓެރަރިޒަމްގެ ދައުވާ އެވެ.

އެ މައްސަލާގެ މިއަދު ބޭއްވި އަޑުއެހުމުގައި، އުއްތަމަ ފަނޑިޔާރާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކި ސިއްރު ކުރަން ކޯޓުން ނިންމީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކުގެ ގޮތުގައި ދައުލަތުން އެގޮތަށް ހުށަހެޅުމުންނެވެ.

ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކުގެ ގޮތުގައި ދައުލަތުން ވަނީ ތިން ހުށަހެޅުމެއް ހުށަހަޅާފައެވެ. އެއީ ސިއްރު ހެކީގެ ގޮތުގައި ދައުލަތުން ހުށަހެޅި ހެކިތައް ސިއްރުކޮށް ދިނުމަށާއި ހެކި ރައްކާތެރި ކުރުމުގެ އަމުރެއް ނެރެދިނުމަށާއި އެ މައްސަލާގައި ފަހުން ހެއްކެއް ލިބިއްޖެ ނަމަ އެ ހެއްކެއް ހުށަހެޅުމުގެ ފުރުސަތު ދިނުމަށެވެ.

އެސިސްޓެންޓް ޕީޖީ އައިޝަތު ފަޒްނާ މިއަދު ވިދާޅުވީ، ހެކި ސިއްރު ކުރުމަކީ ކުރެވިދާނެ ކަމެއް ކަން ހައި ކޯޓުގެ ހުކުމެއްގައި އެބައޮތް ކަމަށާއި އަދި އެގޮތަށް އަމަލު ކުރިޔަސް، ކޯޓުގައި ހެކިންނާ ސުވާލު ކުރުމުގެ ފުރުސަތު ދައުވާ ލިބޭ ފަރާތަށް އޮންނާނެ ކަމަށެވެ.

އަދި އެ މައްސަލާގައި ހެކި ސިއްރު ނުކޮށްފި ނަމަ ޒާތީ ދިރިއުޅުމުގެ ޙައްޤަށް ހުރަސް އެޅި، ހެކިންނަށް ނުފޫޒެއް ފޯރުވުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަދި އަލަށް ހާމަވާ ހެކި ހުށަހެޅުމުގެ ފުރުސަތަކަށް އެދެނީ އެއީ ގިނަ ބަޔަކު ބައިވެރިވެފައިވާ މައްސަލަ އަކަށް ވެފައި، އިތުރު އެހެން ބައެއް މީހުންގެ މައްޗަށް ތަހުގީގު ހިންގަމުންދާތީ ފަހުން އިތުރު ހެއްކެއް ލިބިދާނެތީ ކަމަށްވެސް ފަޒްނާ ވިދާޅުވި އެވެ.

އެކަމަކު އުއްތަމަ ފަނޑިޔާރުގެ ވަކީލުން އެ ހުށަހެޅުންތަކާ ދެކޮޅު ހެދި އެވެ. ހެކި ސިއްރުކުރަން އެދިފައިވާ އެދުމާ ގުޅިގެން އުއްތަމަ ފަނޑިޔާރުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލް ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ ސިއްރުން ބަޔާން ދީފައިވާ ފަރާތްތަކުގެ މައުލޫމާތުތައް މީސް މީޑިއާގައި ޢާއްމުވެފައިވާއިރު، ދައުލަތުން ވިދާޅުވާފަދަ ޖިސްމާނީ ހާނީއްކައެއް ދޭނެ ނަމަ މިހާރު ދީފާނެކަމަށާއި، ލިޔުންތައް ސިއްރު ކުރުމަށް އަމުރު ނެރުނު އިރުގެ ހާލަތު މުޅިން ބަދަލުވެފައިވުމުން، އެ އަމުރު ދާއިމީ ކުރުމުގެ ޖާގައެއް ނެތް ކަމަށެވެ.

އުއްތަމަ ފަނޑިޔާރުގެ ވަކީލު ހިސާން ހުސައިން ވިދާޅުވި ގޮތުގައި ސިއްރު ކުރަން އެދިފައިވާ ހެކިތަކުގެ ތެރޭގައި ބައެއް ލިޔުންތައް ވެސް ހިމެނޭއިރު، އެ ލިޔުންތައް ސިއްރު ކުރުމުން، އެ ލިޔުންތައް ތައްޔާރު ކުރި މީހުންނާ ސުވާލު ކުރުމުގެ ފުރުސަތު ދިފާއި ވަކީލުންނަށް ގެއްލިގެންދާނެ އެވެ. އެހެންވެ އޭނާ އެދިވަޑައިގަތީ ސިއްރުކުރަން ޖެހޭ ބައިތައް ލިޔުންތަކުން އުނި ކުރުމަށް ފަހު ނަމަވެސް ދިފާއީ ވަކީލުންނަށް އެ ލިޔުންތައް ލިބޭނެ ގޮތް ހަމަޖައްސައި ދިނުމަށެވެ.

ދިފާއީ ވަކީލުންގެ ވާހަކަތަކަށް ރައްދު ދެއްވައި، ދައުލަތުގެ ވަކީލް އަހުމަދު ނައުޝާދު ވިދާޅުވީ ހެކި ސިއްރު ކުރުމަކީ ކުރެވިދާނެ ކަމެއް ކަމަށް ޖިނާއީ އިޖްރާއާތުގެ ޤާނޫނު އައުމަށް ފަހު ވެސް ހައި ކޯޓުން ނިންމާފައި އެބައޮތް ކަމަށާއި ފަހުން ހާމަވާ ހެކި ހުށަހެޅުމުގެ ފުރުސަތަކަށް އެދުނީ އިތުރު ބައެއް މީހުންގެ ތަހުޤީޤުތައް ކުރަމުންދާތީ ކަމަށާއި، އެކަމަކު އުއްތަމަ ފަނޑިޔާރުގެ މައްޗަށް ދައުވާކުރީ ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށް ފަހު ކަމަށެވެ.

ސިއްރު ކޮށްފައިވާ ބައެއް ލިޔުންތައް ދިފާއީ ވަކީލުންނަށް ލިބޭނެ ގޮތް ހަމަޖައްސައިދޭން ވަކީލުން އެދިފައިވާތީ ދައުލަތުން ވަނީ އެއް ލިޔުމެއް ޝަރީއަތުގައި ބެލުމުގެ ފުރުސަތު ދިފާއީ ވަކީލުންނަށް ދޭން ދެކޮޅު ނަހަދާ ކަމަށް ބުނެފައެވެ. އެހެންނަމަވެސް ދެންހުރި ސިއްރު ލިޔުންތައް ހާމަވެއްޖެ ނަމަ ދައުވާ ސާބިތުކުރަން އުނދަގޫވެދާނެތީ އެ ލިޔުންތައް އެއްކޮށް ސިއްރު ކުރަން ބޭނުންވާ ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

ދެ ފަރާތުގެ ވާހަކަތައް އަޑުއެއްސެވުމަށް ފަހު، މައްސަލަ ބައްލަވާ ގާޒީ އަހުމަދު ހައިލަމް ނިންމެވީ ދައުލަތުން އެދުނު ގޮތަށް ހެކި ސިއްރު ކުރުމުގެ އަމުރެއް ނެރުމަށާއި ހެކި ރައްކާތެރިކޮށްދިނުމުގެ އަމުރެއް ވެސް ނެރުމަށާއި އަދި ފަހުން ހާމަވާ ހެކި ހާމަ ކުރުމުގެ ފުރުސަތު ދައުލަތަށް ދޭންށެވެ.

އެ މައްސަލާގައި އުއްތަމަ ފަނޑިޔާރުގެ ފަރާތުން އެއްވެސް ހުށަހެޅުމެއް ހުށަައެއް ނާޅަ އެވެ.

އުއްތަމަ ފަނޑިޔާރުގެ މައްޗަށް މިހާރު ވެސް ދެ ކުށެއް ސާބިތުވެ، ޙުކުމް އައިސްފައިވާ ކަމަށާއި ޤާނޫނުލް އުޤޫބާތު އޮތްގޮތުން އެއް ކަމަކާ ގުޅޭ ކަންކަމަށް އަދަބު ކަނޑައަޅަން ޖެހޭނީ އެންމެ ބޮޑު ކުށަށް ފުރަތަމަ އަދަބު ކަނޑައެޅުމަށް ފަހު އޭގެ ފަހުން ދެން ޖެހިގެން އޮންނަ ކުޑަ ކުށަށް އަދަބުު ކަނޑައަޅާ އުސޫލުންކަން ފާހަގަކުރައްވައި ވަކީލް ނޫރު ވަނީ މިއަދުގެ އަޑުއެހުމުގައި އެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެ، އިޖްރާއީ ނުކުތާއެއް ނަންގަވައިފަ އެވެ.

ނަމަވެސް މި ނުކުތާވެސް ބަލައި ނުގަންނަކަން ގާޒީ ހައިލަމަ މިއަދުގެ ޝަރީއަތުގައި އިއުލާނު ކުރެއްވިއެވެ.

އެ މައްސަލާގެ މިއަދުގެ ވަނީ އިބްތިދާއީ މަރުހަލާ ނިންމާލައިފަ އެވެ. ދެން އެ މައްސަލާގައި އޮންނާނީ ޝަރީއަތުގެ އަޑުއެހުންތަކެވެ. މި އަޑުއެހުންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި ހާދިސާއާއި ގުޅިގެން ނިރުބަވެރިކަމުގެ ދައުވާ އުފުލާފައިވާ އެހެން މީހުންނާވެސް އެކު އެއް މަޖިލީހެއްގައެވެ.