އައްޑޫ ސިޓީ ކައުންސިލުން، އައްޑޫގެ އަވަށްތަކުގައި ބާބަކިއު ސްޓޭންޑްތައް ހެދުމަށް އިދުރީސް ޓްރޭޑިން ކޮމްޕެނީއާ ހަވާލުކޮށްފައި ވަނިކޮށް ހައުސިން މިނިސްޓްރީން އެމަސައްކަތް ނުކުރުމަށް ވުޖޫދުގައި ނެތް ކުންފުންޏަކަށް އިންޒާރު ދީފި އެވެ.
ހައުސިން މިނިސްޓްރީގެ ލޭންޑް، ބިލްޑިން އެންޑް މުނިސިޕަލް ސާވިސެސްގެ ފަރާތުން އައްޑޫ ސިޓީއަށް ކަނޑައަޅުއްވާފައި ހުންނެވި އެގްޒެކެޓިވް ކޯޑިނޭޓަރ އަބްދުﷲ ޒުހައިރު ސޮއިކުރައްވައި އިދްރީސް ކާޕެންޓްރީގެ ވެރިޔާއަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ ކައުންސިލުން ކުރި އިއުލާނަކީ ހަމަޖެހިފައިވާ އުސޫލުގެ ދަށުން ކުރި އިއުލާނެއް ނޫން ކަމަށެވެ.
"އައްޑޫލައިވް" އަށް އެނގިފައިވާ ގޮތުގައި އިދުރީސް ކާޕެންޓްރީ ކިޔާ ކުންފުންޏަކާއި ކައުންސިލުން ބާބަކިއު ސްޓޭންޑް ހެދުމަށް ހަވާލުކޮށްފައެއް ނުވެ އެެވެ. އަދި އެނަން ކިޔާ ކުންފުންޏެއް އައްޑޫގައި މިހާރު ހިންގަމުންނެއް ނުދެ އެވެ.
އައްޑޫ ސިޓީ ކައުންސިލުން ބާބަކިއު ސްޓޭންޑްތައް ހެދުމަށް ހަވާލުކޮށްފައި ވަނީ އިދުރީސް ޓްރޭޑިން ނަމަކަށް ކިޔާ ކުންފުންޏަކާ އެވެ.
ހައުސިން މިނިސްޓްރީން މިއަދު "އޮޅިގެން" ފޮނުވި ސިޓީގައި ބުނެފައިވަނީ ހައުސިން މިނިސްޓްރީން ހޯދަން ޖެހޭ ހުއްދަ ހޯދުމަށް ކައުންސިލަށް ސިޓީއެއް ވެސް ފޮނުވާފައިވަނިކޮށް އިދްރީސް ކާޕެންޓްރީއާ މަސައްކަތް ހަވާލުކޮށްފައިވާކަން މީޑިއާގެ ޒަރިއްޔާއިން އެނގިފައިވާ ކަމަށާއި އެހެންކަމުން އެކަމަކީ ހުއްދަ ލިބިގެން ކުރެވުނު ކަމަކަށް ނުވާތީ އެ މަސައްކަތް ނުކުރުމަށެވެ. އަދި އެ އެންގުމަށް އިޖާބަ ނުދީ މަސައްކަތް ކުރިއަށް ގެންދާނަމަ އެކަށީގެންވާ ފިޔަވަޅު އެޅޭނެ ކަމަށް ވެސް މިސިޓީގައި ބުނެފައިވެއެވެ.
ހައުސިން މިނިސްޓްރީން މިފަދަ ސިޓީއެއް ފޮނުވާފައިވާ އިރު ކައުންސިލްގެ ބާރުތަކާއި، ބިންތައް މިނިސްޓްރީގެ ބެލުމުގެ ދަށައް ގެންގޮސްފައިވާ އިރު ރައްޔިތުންނާއި ގުޅުން ހުރި ގިނަ ކަންކަމަށް ދަނީ ހުރަސް އަޅަމުންނެވެ. އެގޮތުން ކައުންސިލުން މަސްވެރިންނާއި ބަނދަރު ބޭނުން ކުރާ ފަރާތްތަކަށް ސާފު ބޯފެން ފޯރުކޮށް ދިނުމަށާއި، ހިތަދޫ ފަތާ ޓްރެކް ސަރަހައްދަށް ފެންވަރާ ޝަވަރު ބެހެއްޓުމަށް ކުރި މަސައްކަތް ހުއްޓުވައި، އެތަންތަނުގެ ބޭނުން ހިފިޔަ ނުދީ ވަނީ ހިފަހައްޓާފައެވެ.
މީގެ އިތުރުންވެސް ލިންކު ރޯޑުގައި ބޮޑެތި ވަޅުގަނޑު ހެދި ދުއްވާ މީހުންނަށް ބޮޑެތި ތަކްލީފުތަކާއި ކުރިމަތި ވަމުން އަންނަ އިރު އެކަންކަން ހައްލު ކުރުމަށް އެއްވެސް މަސައްކަތެއް ކުރާތަނެއް ނުފެނެއެވެ.