Last Updated: June 6, 20:36
Saturday, June 6, 2026
ޚަބަރު

"ޖަލަށް ދާން ޖެހުނަސް ޖަޒީރާ ކެމްޕޭން ހުއްޓައެއް ނުލާނަން"

ޖަލަށް ވަޑައިގަންނަވަން ޖެހުނު ކަމުގައި ވިޔަސް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް މުހައްމަދު ނަޝީދު ހޮވުމަށް ކުރައްވާ "ޖަޒީރާ ރައީސް" ކެމްޕެއިން ހުއްޓާނުލައްވާނެ ކަމަށް ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިހެން ވިދާޅުވެފައި މިވަނީ، މާދަމާ 10:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރުވުމަށް އަންގާފައިވާތީ އެކަމާއި ގުޅިގެންނެވެ. ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން މެނޭޖަރު ކަން ވެސް ކުރައްވާ އަސްލަމް ކޯޓަށް ހާޒިރުކުރަނީ، ދައުލަތުން އުފުލާފައިވާ ގާނޫނު ތަންފީޒް ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާގެ އަޑުއެހުމަކަށެވެ.

އެ ދައުވާ އަސްލަމްގެ މައްޗަށް އުފުލީ، ޖުލައި މަހުގެ 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ވެންނެވުމާއި ގުޅިގެންނެވެ.

އަސްލަމް ވިދާޅުވެފައި ވަނީ ފުލުހަށާއި ކޯޓަށް އަދި ޖަލަށް ވެސް ވަޑައިގެންނެވުމަށް ތައްޔާރަށް ހުންނެވި ކަމަށާއި އެހެން ނަމަވެސް ޖަޒީރާ ރައީސް ކެމްޕެއިން ހުއްޓާނުލައްވާނެ ކަމަށެވެ.