ޚަބަރު

އަލީ "މަރާލި" ދެ މީހެއްގެ ޝަރީޢަތް މިއަދު

މައުޒް މުހައްމަދު. އޭނާގެ މައްޗަށް ވަނީ އެނގިހުރެ މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ އުފުލާފައި.

މާޗް، 2، 2016 ވަނަ ދުވަހު އަނިޔާވެރި ގޮތަކަށް މަރާލުމަށް ފަހު އޮޅެއްގެ ތެރެއަށް އެއްލާލާފައި ވަނިކޮށް ފެނުނު ހިތަދޫގެ ވިޔަފާރިވެރިޔާ، އަލީ އަބްދުﷲގެ މަރުގެ މައްސަލައިގައިއަޑުއެހުމެއް މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ދާނެއެވެ.

މިއަދުގެ އަޑުއެހުމަކީ، އަލީ އަބްދުﷲ މަރާލި މައްސަލައިގައި ހިތަދޫ، އަތަމާވިލާ މަޢޫޒު މުހައްމަދާއި ހިތަދޫ، އައްޒާ މުބާރިކު މުހައްމަދުގެ މައްޗަށް ދައުލަތުން ކުރާ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާގެ އަޑު އެހުމެކެވެ.

އަލީ އަބްދުﷲ މަރާލި މައްސަލަ އާއި ގުޅިގެން 4 މީހެއްގެ މައްޗަށް ދައުލަތުން ވަނީ ދައުވާ އުފުލައިފަ އެވެ.

އަލީ މަރާލި މައްސަލައިގައި އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ ހިތަދޫ ނަޝީދީގޭ، މުހައްމަދު ޝިފާޒުގެ މައްޗަށް ވެސް ކުރެއެވެ. އަދި އަލީ މަރާލި މައްސަލައިގައި ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ އުފުލާފައި ވަނީ ހިތަދޫ ހެޕީ ފިއުޗާ އަހުމަދު އިބްރާހީމްދީދީގެ މައްޗަށެވެ. އޭނާ އަކީ، އަލީ އަށް ބޮޑުބޭބެ ކިޔާ މީހެކެވެ.

އަހުމަދު އިބްރާހީމްދީދީގެ ކުރަނީ ގާނޫނުލް އުގޫބާތުގެ 110 ވަނަ މާއްދާގެ (ރ) ގެ ދަށުން އެނގި ހުރެ ގަސްދުގައި މީހަކު މަރާލި ކަމުގެ ދައުވާއެވެ. އެ މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުން ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ.