ރާއްޖޭގެ ދެވަނަ އިންޓަނެޝަނަލް އެއާޕޯޓް ކަމަށްވާ ސ. ގަން އިންޓަނޭޝަނަލް އެއާޕޯޓްގެ ރަންވޭ ދިގު ކުރުމުގެ މަސައްކަތާއި ސީ ޕްލޭންގެ ޓާމިނަލް އަޅާނެ ބިން ހިއްކުމާއި ޓާމިނަލް އަޅާ ބިމުގެ އަައްސޭރި ފަށުގައި ރިވެޓްމެންޓްމަންޓް ޖެހުމުގެ މަސައްކަތް 11.7 މިލިއަން ޑޮލަރަށް (180 މިލިއަން ރުފިޔާ) އަށް ދުބާއީގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
ސަރުކާރާއި ރައްޔިތުން ހިއްސާވާ އެންމެ ބޮޑު ވިޔަފާރި ކުންފުނި އެސްޓީއޯގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެސްޓީއޯގެ ފަރާތުން އެ އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ އެވެ. އަދި ދުބާއީގެ ގަލްފް ކޮބްލާގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު ޖޯސްޓް ޕޯސްޓް އެވެ.
އެ އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ފަހު ޝާހިދު އަލީ ވިދާޅުވީ މިއަދު ސޮއިކުރި ޕްރޮޖެކްޓުގެ ދަށުން، ގަން އިންޓަނޭޝަނަލް އެއާޕޯޓްގެ ސީ ޕްލޭން ސަރަހައްދު ހިއްކުމުގެ މަސައްކަތާއި ރަންވޭ އަށް އިތުރު ކުރާ ސަރަހައްދު ހިއްކުމުގެ މަސައްކަތުގެ އިތުރުން އައްސޭރިފަށުގެ މަސައްކަތް އަށް މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ އެ މަސައްކަތްތައް ނިމުމާ އެކު ގަން އެއާޕޯޓުން ސީ ޕްލޭންގެ ހިދުމަތް ދޭން ފެށޭނެ ކަމަށެވެ. އަދި އިންޓަނޭޝަނަލް ދަތުރުތައް ފެށުމަށް އެއާލައިންތަކާ ވާހަކަފުޅު ދައްކަމުންދާ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
ގަލްފް ކޮބްލާގެ ޖެނެރަލް މެނޭޖާ ޖޯސްޓް ވިދާޅުވީ އެފަދަ މަސައްކަތެއް ކުރުމަށް އެ ކުންފުންޏަށް ފުރުސަތު ލިބުނީތީ ވަރަށް އުފާކުރާ ކަމަށެެވެ. އަދި ވަރަށް އަވަހަށް އެ އެއާޕޯޓް ތަރައްގީ ކުރުމުގެ ޕްރޮޖެކްޓް ކުރިއަށް ގެންގޮސް އަށް މަސް ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމާލާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގަން އެއާޕޯޓް ތަރައްގީކޮށް ހިންގުމުގައި އެ އެއާޕޯޓް ހިންގާ އައްޑޫ އިންޓަނެޝަނަލް އެއާޕޯޓް (އޭއައިއޭ) އެކު ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ކާސާ ހޮލްޑިން ބައިވެރިވެ އެވެ.