ރޭ އިނގިރޭސި ޕްރިމިއާ ލީގުގެ މިސީޒަނުގެ ފަހު މެޗުތައް ކުޅުނުއިރު ޗެމްޕިއަން، މެންޗެސްޓާ ސިޓީއިން އާ ރެކޯޑެއް ގާއިމް ކޮށްފިއެވެ.
ސަދަމްޕްޓަންއާ ދެކޮޅަށް ސިޓީ ކުޅުނު މެޗުން 1-0 އިން މޮޅުވެ އެޓީމު ވަނީ ޕްރިމިއާ ލީގުގައި 100 ޕޮއިންޓު އެއް ސީޒަނެއްގައި ހަމަކުރި ފުރަތަމަ ޓީމުގެ ލަގަބު ހޯދާފައެވެ.
ޕެޕް ގާޑިއޯލާގެ މެންޗެސްޓާ ސިޓީ ޓީމުން މިސީޒަނުގައި ވަނީ ގިނަ އަދަދެއްގެ ޕްރިމިއާ ލީގު ރެކޯޑުތަކެއް މުގުރާލާފައެވެ. އޭގެ ތެރޭގައި ސީޒަނެއްގެ ތެރޭގައި އެންމެ ގިނަ ޕޮއިންޓު ހޯދުމުގެ އިތުރުން އެންމެ ގިނަ މޮޅާއި އެންމެ ގިނަ ގޯލު ޖެހި ޓީމުގެ ރެކޯޑުވެސް ވަނީ މޮރީނިއޯގެ ޗެލްސީ ޓީމު އަތުން އަތުލާފައެވެ.
ސިޓީ ޗެމްޕިއަންކަން ހޯދީ ދެވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑާއި 17 ޕޮއިންޓުގެ ފަރަގެއް އޮތްވައެވެ. މިސީޒަނުގައި ސިޓީ ބަލިކުރެވިފައިވަނީ ހަމައެކަނި ލިވަޕޫލަށާއި މެންޗެސްޓާ ޔުނައިޓެޑަށެވެ.