ޗައިނާގެ މަޝްހޫރު ޓެކް ކުންފުނި ކަމަށްވާ ވާވޭ އިން އެކުންފުނީގެ އެންމެ ފަހުގެ ފޯން ކަމަށްވާ ވާވޭ ޕީ20 އަދި ޕީ20 ޕްރޯ ރާއްޖެއަށް ތައާރަފްކޮށްފި އެވެ.
މި ފޯން ރާއްޖެއަށް ތަޢާރަފްކޮށްފައި ވަނީ ރޭ މާލޭގެ ސޯޝަލް ސެންޓަރުގައި އެކަމަށްޓަކައި ބޭއްވި ޚާއްސަ ހަފްލާއެއްގައެވެ. އެ ހަފްލާގައި އަލަށް ލޯންޗްކުރެވުނު މި ފޯންތަކާއި ގުޅޭގޮތުން ސުވާލުކޮށްގެން ރަނގަޅު ޖަވާބު ދިމާކުރި ފަސް ފަރާތަަކަށް މެކްސް ކޮމް ޓެކްނޮލޮޖީގެ ފަރާތުން ވަނީ ހަދިޔާތަކެއް ދީފައެވެ.
ވާވޭ ޕީ20 އާއި ވާވޭ ޕީ20 ޕްރޯ މެކްސް ކޮމް ޓެކްނޮލޮޖީންނާއި ވާވޭގެ ޑިސްޓްރިބިއުޓަރޝިޕް ލިބިފައި ތިބި އިތުރު ތަންތަނުންވެސް ލިބެން ހުންނާނެއެވެ.
ރޭ ތަޢާރަފްކުރި ވާވޭ ޕީ20 ޕްރޯގައި 40 މެގަޕިކްސެލްގެ ޓްރިޕްލް ލެންސް ކެމެރާއަކާއި 24 މެގަޕިކްސަލްގެ ފްރަންޓް ކެމެރާއެއް އިނދެއެވެ. ވާވޭޕީ 20 ގައި ޑުއަލް ކެމެރާއެއް އިންނައިރު، އެ ފޯންގެ ފްރަންޓް ކެމެރާ އަކީ 24 މެގަޕިކްސަލްގެ ކެމެރާއެކެވެ.
މި ފޯންގައި ހިމެނޭ އޮޕަރޭޓިން ސިސްޓަމް އަކީ އެންޑްރޮއިޑް އޯރިއޯ އެވެ. އަދި މި ފޯންގައި ހެޑްފޯން ޖެކެއް ހިމަނާފައި ނުވާއިރު، މި ދެ ފޯނުގެ ވެސް ޓްވަލައިޓް، ބްލެކް، މިޑްނައިޓް ބްލޫ އަދި ޕިންކް ގޯލްޑް ކުލައިން ލިބެން ހުންނާނެއެވެ.