Last Updated: June 26, 17:59
Friday, June 26, 2026
ޚަބަރު

ރިޔާސީ އިންތިޚާބަށް ޤައުމީ ލަފާދޭ ކޮމިޓީ އެކުލަވާލައިފި

އިލެކްޝަންސް ކޮމިޝަން - ފޮޓޯ: ރާއްޖެއެމްވީ

ރިޔާސީ އިންތިޚާބަށް ޚާއްސަކޮށްގެން އިންތިޚާބުތަކާ ބެހޭ އާއްމު ޤާނޫނުގެ ދަށުން އުފައްދާ ޤައުމީ ލަފާދޭ ކޮމިޓި އެކުލަވާލައިފި އެވެ.

މި ކޮމިޓީ އަކީ އިންތިޚާބާ ގުޅޭ ކަންކަމުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ލަފާ ދިނުމަށް އުފައްދަން ޤާނޫނުން ލާޒިމުކޮށްފައިވާ ކޮމިޓީ އެކެވެ.

ޤައުމީ ލަފާދޭ ކޮމިޓީގައި ޖުމްލަ 17 ބޭފުޅުން ހިމެނޭއިރު، އެއީ ދައުލަތުގެ މުއައްސަސާތަކުން 10 ބޭފުޅުންނާއި، ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ހަ ބޭފުޅުންނާއި، ޖަމިއްޔާތަކުގެ ފަރާތުން އެއް ބޭފުޅެކެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ކޮމިޓީގެ ފުރަތަމަ ބައްދަލުވުން މާދަމާ ހެނދުނު 11:00 އަށް ތާވަލްކޮށް ކޮމިޓީގެ މެމްބަރުންނަށް ދައުވަތު އަރުވާފައިވާ ކަމަށެވެ.

ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން އީސީ އިން ގެންދަނީ ކަމާ ގުޅޭ އިދަރާތަކާ މަޝްވަރާ ކުރަމުންނެވެ.

އެގޮތުން އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށްޓަކައި ފުލުހުންނާ މަޝްވަރާކޮށްފައިވާއިރު، ވޯޓާސް ލިސްޓް އެކުލަވާލުމަށްޓަކައި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އާއި ނޭޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޯލޮޖީ (އެންސީއައިޓީ)އާ ވެސް އެ ކޮމިޝަނުން ވަނީ މަޝްވަރާކޮށްފަ އެވެ.

އީސީ އިން ރިޔާސީ އިންތިޚާބަށް ތައްޔާރުވަމުން ދިޔަ ނަމަވެސް، މިހާރު މިއޮތް ކޮމިޝަންގެ މެމްބަރުންނާއެކު މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ ކަމަށް ގުޅިފައިވާ ޕާޓީތަކުން ގެންދަނީ ބުނަމުންނެވެ.