ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޤާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ހުރަސްއެޅުމުގެ ދައުވާގެ އަޑުއެހުން މާދަމާއަށް ތާވަލުކޮށްފި އެވެ.
މި މައްސަލައިގައި އެ މެމްބަރުންގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުން ކްރިމިނަލް ކޯޓްގައި ތާވަލްކޮށްފައި ވަނީ މާދަމާ ހެނދުނު 10:00 އަށެވެ. މި މައްސަލައިގައި މާދަމާ ކުރިއަށްދާނީ އިބްތިދާއީ އަޑުއެހުންތަކެވެ.
އެންމެ ފަހުން މި މައްސަލައިގެ އަޑުއެހުމެއް ބޭއްވީ މިދިޔަ ޑިސެމްބަރު މަހުގެ ފަސް ވަނަ ދުވަހު ކަމުގައިވާއިރު، އެ އަޑުއެހުމުގައި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިނަށް ޤާނޫނީ ވަކީލަކު ހަމަޖެހިފައި ނުވާތީ އަޑުއެހުން ކުރިއަށް ނުގެންގޮސް ހުއްޓާލި އެވެ.
އޭގެ ފަހުން އަޑުއެހުންތައް ފެށުމަށް އަލީ ހުސައިން ކޯޓަށް ހާޒިރުކޮށް ވަނީ ވަކީލަކު އައްޔަން ކުރަން ފުރުސަތު ދީފަ އެވެ.
އަލީ ހުސެއިން ފިޔަވައި އެ ދައުވާ ލިބޭ އަނެއް 11 މެމްބަރުންގެ ވަކީލެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ގާނޫނީ ވަކީލް ހިސާން ހުސެއިން އާއި ނޫރުއްސަލާމް އަބޫބަކުރެވެ.
ނަމަވެސް އެންމެ ފަހު ބޭއްވި އަޑުއެހުމުގައި އަލީ ހުސެއިންނާ އެކު ޝަރީއަތް ކުރިއަށް ގެންދިއުމަށް އެދޭ ކަމަށް 11 މެމްބަރުންގެ ފަރާތުން ހިސާން ހުސެއިން ވިދާޅުވުމުން ގާޒީ ނިންމެވީ އަލީ ހުސައިނަށް ވަކީލަކު ހަމަޖެއްސުމަށް 5 ދުވަހުގެ މުހުލަތެއް ދެއްވުމަށް ފަހު ހުރިހާ މެމްބަރުންގެ ޝަރީއަތް އެއްކޮން ކުރިއަށް ގެންދެވުމަށެވެ.
މި 12 މެމްބަރުންގެ ތެރެއިން ވިލިނގިލި ދާއިރާގެ މެމްބަރު މެމްބަރު ސައުދު ހުސައިންއާއި، ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ވަހީދުގެ އިތުރުން މަޑުއްވަރި ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ މައްޗަށް ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާ ވެސް ކޮށްފައިވެ އެވެ.