Last Updated: June 11, 22:21
Thursday, June 11, 2026
ޚަބަރު

"ބޮލުގެ އެއްފަޅި ވަނީ އައްސިވެފައި، އަޅާލުން ކުޑަ"

ފަނޑިޔާރު އަލީ ހަމީދު - ފޮޓޯ: ގޫގުލް

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކުރި ސުޕްރީމް ކޯޓުގެ ފަނޑިޔާރު، އަލީ ހަމީދަށް ސިއްހީ ހާލަތު ގޯސްވެފައިވާ ކަމަށާއި ކަރެކްޝަންސްގެ އަޅާލުން އެކަމުގައި ކުޑަ ކަމަށް ވިދާޅުވެ މިއަދުގެ ޝަރީއަތުގެ އަޑުއެހުމުގައި ގާޒީއަށް ޝަކުވާ ދަންނަވައިފިއެވެ.

ދައުލަތުން އަލީ ހަމީދަށް ކުރާ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ދައުވާގެ މިއަދުގެ އަޑުއެހުމުގައި ވާހަކަ ދައްކަވަން ގާޒީ ހައިލަމް ފުރުސަތު އެރުވުމުން އަލީ ހަމީދު ވަނީ ބޮލުގެ އެއް ފަޅިއާއި އުނަގަނޑުން ތިރި އަދި ފައިގެ ފަލަމަސްގަނޑު ވެސް އައްސި ވެފައިވާ ކަމަށެވެ. އެކަން ކަރެކްޝަންސް އޮފިސަރުންނަށް އެންގި ނަމަވެސް ބަލާނެ ކަމަށް ބުނެ އަޅާނުލާ ކަމަށާއި ވެންޓިލޭޓަރު ސިސްޓަމެއް ވެސް ގާއިމް ކޮށްދިނުމަށް އެދުމުން ބީރުކަންފަތެއް ދީފައިވާ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

އަލީ ހަމީދުގެ ވަކީލް، އަލީ ޒާހިރު ވަނީ މިއަދުގެ އަޑުއެހުމުގައި އަލީ ހަމީދު ޖަލުގައި އެކަހެރިކޮށް ބަހައްޓާފައި ހުންނާތީ ވެސް އޭނާގެ ސިއްހީ ހާލުކޮޅާ މެދު ކަންބޮޑުވާ ކަމަށެވެ. ރައްދު ދެއްވަމުން ދައުލަތުގެ ވަކީލް ފަޒްނާ ވިދާޅުވީ އަލީ ހަމީދު އެކަހެރި ކުރީ އަމިއްލަ ރައްކަލަށް ވިސްނުމަށް ފަހުގައި ކަމަށެވެ. އަދި ކޮންމެ ދުވަހަކު އަލީ ހަމީދުގެ ހާލު ބެލުމަށް ނަރުހަކުވެސް ފޮނުވާ ކަމަށް ފަޒްނާ ވަނީ ޝަރީއަތުގައި ވިދާޅުވެފައެވެ.

ނަމަވެސް ދިފާއީ ވަކީލް، އަލީ ޒާހިރު ވަނީ ފަނޑިޔާރު އަލީ ހަމީދު އެކަހެރިކޮށްގެން އޭނާ އަށް ކުރާނެ މަންފާއެއް ނުވިސްނޭ ކަމަށާއި ކޮންމެ ދުވަހަކު ނަރުހަކު ފޮނުވާ ކަމަށް ޝަރީއަތުގައި ފަޒްނާ ދެއްކެވި ވާހަކަ ދޮގުކޮށްފައެވެ. އަދި ފާއިތުވެދިޔަ ދެހަފްތާ ތެރޭގައި ވެސް ނަރުހަކު އަލީ ހަމީދަށް ޒިޔާރަތް ކޮށްފައިވަނީ އެންމެ ފަހަރަކު ކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ.

އަލީ ޒާހިރު ދެއްވި ރައްދާމެދު ގާޒީ ހައިލަމް ފަޒްނާއަށް ސުވާލު ކުރުމުން ޖަވާބުގައި ފަޒްނާ ވިދާޅުވީ ކޮންމެ ދުވަހަކު ނަރުހަކު އަލީ ހަމީދަށް ޒިޔާރަތް ކުރާ ކަމަށް ކަރެކްޝަންސް އިން އޭޖީ އޮފީހަށް ފޮނުވި ލިޔުމަކުން އެނގިފައިވާ ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި ފަނޑިޔާރު އަލީ ހަމީދު ވަނީ މިދިޔަ ހަފްތާ ތެރޭ ކުއްލި ގޮތަކަށް ސިއްހީ ހާލު ދެރަވެ ހޮސްޕިޓަލަށް އެމަޖެންސީގައި ގެންދިޔަ ވާހަކައިގެ ތަފްސީލުވެސް އިއްވާފައެވެ. އަލީ ހަމީދު ވިދާޅުވީ އެކަނި ވައިބަންދުވާ ތަނެއްގައި މާގިނަ އިރު ބަންދުކޮށްފައި ހުރުމުން އޭނާއަށް އޮކްސިޖަން ލިބުން މަދުވާތީ ހާސްވާ ގޮތް ވުމުން ބޭރަށް ނެރެ ދިނުމަށް އެދުނު ކަމަށެވެ. އަދި ހާސްވެގެން ވެއްޓުނީ އެގޮތަށް އެދުނު ފަހުން ކަމަށްވެސް އަލީ ހަމީދު ޝަރީއަތުގައި ވިދާޅުވިއެވެ.

މީގެ އިތުރުން އަލީ ހަމީދު ވަނީ ނަފްސާނީ ޑޮކްޓަރަކަށް ވެސް ދައްކާފައިވާ ކަމަށް ޝަރީއަތުގައި ބުނެފައެވެ. ނަމަވެސް ދައުލަތުގެ ވަކީލް ވަނީ އެކަން އެނގިފައިނުވާ ކަމަށް ގާޒީ ހައިލަމަށް ދަންނަވާފައެވެ. އަލީ ހަމީދު ޝަރީއަތުގައި ބުނެފައިވަނީ ޑޮކްޓަރު ތިން މަސް ދުވަހަށް ބޭސް ދީފައިވާ ކަމަށެވެ. އަދި އައިޖީއެމްއެޗްގައި އެޑްމިޓް ކޮށްގެން ފަރުވާ ހޯދުމަށް ޑޮކްޓަރު އިރުޝާދު ދެއްވި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ގާޒީ ހައިލަމް ވަނީ އަލީ ހަމީދު ދެއްކެވި ވާހަކަތަކަށް ބެއްލެވުމަށް ފަހު އައިޖީއެމްއެޗުން އޭނާ ބެލި ޑޮކްޓަރުގެ ލިޔެކިޔުންތައް ހޯދުމަށް ދައުލަތުގެ ވަކީލުންނަށް އަންގާފައެވެ. އަދި ދިފާއީ ވަކީލުންގެ ވާހަކަތަކަށް ދެން ބޭއްވޭ އަޑުއެހުމުގައި ޖަވާބުދާރީ ވާން ގާޒީ ވަނީ ދައުލަތުގެ ވަކީލުންނަށް އަންގާފައެވެ.