ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އިދިކޮޅު އެމްޑީޕީން ޕްރައިމަރީ އަށް ކުރިމަތިލުމުގެ ފުރުސަތު އާންމު މެމްބަރުންނަށް ހުޅުވާލައިފިއެވެ.
މިއަދުން ފެށިގެން ހޮނިހިރު ދުވަހާއި ހަމައަށް ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު މިހާތަނަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރާނެކަން އިއުލާން ކޮށްފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކަންޏެވެ.
އެމްޑީޕީން ބުނެފައިވާ ގޮތުގައި ޕްރައިމަރީގައި ވާދަކުރުމަށް ތައްޔާރުކޮށްފައިވާ ފޯމު ފުރިހަމަ ކުރުމަށް ފަހު ސެކްރެޓޭރިއޭޓްއަށް ނުވަތަ އެ ޕާޓީގެ އިންތިހާބާ ބެހޭ ކޮމިޓީގެ މެއިލް ކުރުމުން ޕްރައިމަރީގައި ބައިވެރިވެވޭނެ ކަމަށެވެ.
މިފަހަރުގެ ޕްރައިމަރީ ރާއްޖޭގެ އިތުރުން އިންޑިޔާ ސްރީ ލަންކާ، އިނގިރޭސި ވިލާތް އަދި މެލޭޝިޔާގައި ވެސް ކުރިއަށް ގެންދަން އެމްޑީޕީން ވަނީ ނިންމާފައެވެ. އެގޮތުން އިންޑިޔާގެ ޓްރިވެންޑްރަމް، ލަންކާގެ ކޮލޮމްބޯ، އިނގިރޭސިވިލާތުގެ ލަންޑަން އަދި މެލޭޝިޔާގެ ކުއަލަލަމްޕޫރުގައި ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.