Last Updated: June 28, 06:55
Sunday, June 28, 2026
ޚަބަރު

ހުޅުމީދޫ ވިޔަފާވެރިންނަށް ފުލުހުން މައުލޫމާތު ދީފި

ހުޅުމީދޫ ވިޔަފާރިވެރިންނަށް އަމާޒުކޮށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތަކެއް ފުލުހުން ކުރިއަށްގެންގޮސްފި އެވެ.

އިއްޔެ ގަން ޕޮލިސް ސްޓޭޝަނާއި ހުޅުމީދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ހުޅުމީދޫގެ ވިޔަފާރިވެރިންނަށް މައުލޫމާތު ދީފައިވެ އެވެ.

އެގޮތުން ފޯނުން ގުޅައިގެން މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތައް އިތުރުވަމުންދާތީ އެފަދަ ކަންކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމާއި، އެފަދަ ކަމެއް ފާހަގަވެއްޖެ ނަމަ އަމަލު ކުރަންވީ ގޮތުގެ މަޢުލޫމާތު ވިޔަފާރިވެރިންނަށް ދީފައިވެ އެވެ.

މީގެ އިތުރުން ފިހާރައާއި މުދަލުގެ ރައްކާތެރިކަމަށްޓަކައި ފިހާރައިގެ ސެކިއުރިޓީ ކަންކަން ވަރުގަދަ ކުރުމާއި ގިނަ އަދަދަކަށް ފައިސާ ފިހާރައިގައި ރައްކާކޮށްފައި ނުބެހެއްޓުމާއި،ފިހާރަ ބަންދު ކުރާ އިރު ފިހާރައިގައި ކޮންމެވެސް ވަރަކަށް އަލިކަން ބެހެއްޓުމާއި އިންޓަނެޓްގެ ޒަރީއާއިން ފައިސާ ހޯދުމަށް ކުރަމުން ގެންދާ ކަންކަމުން ރައްކާތެރިވުމަށް މަސައްކަތް ކުރަންވީ ގޮތް ވިޔަފާވެރިންނަަށް އޮޅުން ފިލުވައި ދީފައިވެ އެވެ.

ވިޔަފާރިވެރިން ހޭލުންތެރި ކުރުވުމަށް އަތޮޅުތަކުގައި މަސައްކަތްކުރާ ފުލުހުން އަންނަނީ ސިލްސިލާކޮށް މިފަދަ ޕްރޮގްރާމްތައް ހިންގަމުންނެވެ.