ތާރު އަޅައިގެން ރަނގަޅު ފެންވަރަކަށް މަރާމާތު ކުރި މާލޭގެ އިއްޒުއްދީން މަގު މިއަދު އާންމުނަށް ހުޅުވާލައިފި އެވެ.
މިއަދު ހުޅުވާފައި ވަނީ އިއްޒުންދީން މަގުގެ އަމީނީމަގު ގުޅުނު ހިސާބުން މާލޭ އިންޑަސްޓްރިއަލް ވިލެޖާ ހަމައަށް، ތާރު އަޅައި ތަރައްގީކޮށްފައިވާ ސަރަޙައްދެވެ.
Izzuddeen magu newly paved segment opened today for public use. pic.twitter.com/ngMjvyfQw1
— Dr Mohamed Muizzu (@MMuizzu) May 15, 2018
ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިއްޒުއްދީން މަގުގައި އަލަށް ތާރު އެޅި ސަރަޙައްދު ހުޅުވާފައިވާ ކަމަށާއި އެ ސަރަހައްދު އާންމުންނަށް ބޭނުންކުރެވޭނެ ކަމަށެވެ.
އިއްޒުއްދީން މަގުގެ އެ ސަރަހައްދު ބަންދުކޮށް، ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުންދާތާ ވަނީ މަސްތަކެއްވެފައެވެ. އެ ސަރަހައްދު ބަންދުކުރުމުން އާންމުންނަށް ދަތި އުނދަގޫތައް ކުރިމަތިވެ އެކަމުގެ ޝަކުވާވެސް ވަނީކޮށްފައެވެ.
އިއްޒުއްދީން މަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީ އާއި ހަވާލުކޮށްގެން ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރ މަހު އެވެ. ކުރިން ތާވަލްކޮށްފައި އޮތްގޮތަށް އެމަސައްކަތް ނުނިމި ލަސްވެގެން ދިޔައީ އެ ސަރަހައްދުގައި ހުރި ބައެއް ޖަންކްޝަންތަކާއި ބައެއް ކަރަންޓް ކޭބަލްތައް ބަދަލު ކުރުމުގެ މަސައްކަތް ސްޓެލްކޯއާ ގުޅިގެން ކުރިއަށްގެންދާތީ ކަމަށް އެމްޓީސީސީ އިން ކުރިން ބުނެފައިވެއެވެ.