ޚަބަރު

ގެއްލިފައިވާ ފައިސާގެ އަދަދު 29 ބިލިއަނަށް އަރާ

ރައީސް ޔާމީން އެސެޓް ރިކަވަރީ ކޮމިޝަންގެ މެމްބަރުންނާއި އެކު- ފޮޓޯ: ރައީސް އޮފީސް

މިހާތަނަށް ދައުލަތަށް ގެއްލިފައިވާ ފައިސާގެ އަދަދު 29.7 ބިލިއަން އަރާކަން ޔަޤީންވެފައިވާ ކަމުގައި އެސެޓް ރިކަވަރީ ކޮމިޝަނުން ބުނެފިއެެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ކޮމިޝަންގެ ޗެއާ، ހޯމް މިނިސްޓަރ އަހުމަދު އަޒުލީން ވިދާޅުވީ، ކޮމިޝަނަށް ކުރެވުނު މަސައްކަތުން ދައުލަތަށް ގެއްލިފައިވާ ފައިސާގެ އަދަދު 29.7 ބިލިއަން ދިވެހި ރުފިޔާއަށް ވުރެ މަތި ކަމަށާއި، ގެއްލިފައިވާ ފައިސާ ބެލުމުގައި 5 މިލިޔަނުން ދަށުގެ އަދަދުތަކުގެ މައްސަލަތައް މީގެ ތެރޭގައި ހިމަނައިފިނަމަ މިއަށްވުރެ އަދަދު މަތިވެގެން ދާނެ ކަމަށެވެ.

އެ ކޮމިޝަނުން ބަލަމުންދާ ބޮޑެތި މައްސަލަތަކުގައި ތެރޭގައި އެއަރ މޯލްޑިވްސްގެ މައްސަލައާއި އެމްއެމްޕީއާރުސީގެ މައްސަލަ ހިމެނެއެވެ.

ނޫސްވެރިންނާއި ވާހަކަދައްކަވަމުން މިނިސްޓަރު އަޒްލީން ވިދާޅުވީ، ރިކަވަރީ ކޮމިޝަނުން މިހާތަނަށް ކުރި މަސައްކަތުގެ ތެރެއިން މުޅި ޖުމްލަ، 29،735،231،737.06ރ (ނަވާވީސް ބިލިއަން ހަތްސަތޭކަ ތިރީސް ފަސްމިލިޔަން ދެލައްކަ އެއްތިރީސް ހާސް ހަތްސަތޭކަ ތިރީސް ހަތް ރުފިޔާ ހަލާރި) ދައުލަތަށް ލިބެންެޖެހޭކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ކޮމިޝަނުން މިހާތަނަށް ބަލާ ނިމުނު މައްސަލަތަކުން ދައުލަތަށް ލިބެންޖެހޭ ފައިސާގެ އަދަދު ތިން ބިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރާއިރު، ކޮމިޝަނުން މިހާރު ބަލަމުންދާ މައްސަލަތަކުން ދައުލަތަށް ލިބެންޖެހޭ ފައިސާގެ އަދަދު 25 ބިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރާކަމަށްވެސް އަޒްލީން ވިދާޅުވިއެވެ.

އަޒްލީން ވިދާޅުވީ، މިހާތަނަށް ކުރެވުނު މަސައްކަތުން ގެއްލިފައިވާ ފައިސާގެ ތެރެއިން ބައެއް ފައިސާ ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ހޯދިފައިވާ ކަމަށެވެ. އެހެން ނަަމަވެސް މިހާތަނަށް ހޯދުނީ ކިތައް މައްސަލައިން ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް އަޒުލީނު ވިދާޅެއް ނުވެއެވެ.

ރިކަވަރީ ކޮމިޝަނަކީ ދައުލަތަށް ގެއްލުންވެފައިވާ ނުވަތަ ހިޔާނަތްތެރިވެފައިވާ ފައިސާ އަނބުރާ ދައުލަތަށް ހޯދުމަށް މިދިޔަ އަހަރުގެ ޖުލައި މަހު އުފައްދާފައިވާ ކޮމިޝަނެކެވެ.

އެ ކޮމިޝަންގައި ހިމެނޭ މެމްބަރުންނަކީ ހޯމް މިނިސްޓަރު އަޒްލީން އަހުމަދާއި ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މުޖުތާޒާއި ގާނޫނީ ވަކީލް ހަދީޖާ ހުސެން އާއި ޑރ. އިބްރާހިމް މަހުފޫޒް އަދި ގާނޫނީ ވަކީލް މުހައްމަދު ސަލީމް (ރޭނިސް ސަލީމް) އެވެ.

އަޒްލީން ވިދާޅުވީ، އެސެޓް ރިކަވަރީ ކޮމިޝަންގެ މުއްދަތަކީ 20 ޖުލައި 2017އިން 20 ޖުލައި 2018އަށް ކަމުގައި ރައީސުލްޖުމުހޫރިއްޔާ ހަމަޖައްސާފައި ވީނަމަވެސް ކޮމެޝަންގެ މުއްދަތު މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް އިތުރު ކުރައްވާފައި ވާކަމަށެވެ.