ކުށްވެރިންނަކީ މަޖިލިސް މެމްބަރުން މަޖިލީހަށް ވަނުމަށް ހުރަސްއެޅި މީހުންކަމަށް ކުރީގެ ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
މަލީހު މިހެން ވިދާޅުވީ އިއްޔެ ކުރެއްވި ޓްވީޓެއްގަ އެވެ.
Majlihah Majlis memberunnah nuvadhevey qaanooneh qavaaidheh vujoodhaku neiy. Qaanooneh qawaaidheh neiy konme kameh kurumuge furihama minivankan rayyithunnah libigenvey. Kuhveri vaanee Majlis Memberun Majlihah nuvahdhan amurukuri meehaayaa e'amurah thabaavi bayaku. Olhuvaanulaa.
— Mohamed Maleeh Jamal (@maleehjamal) May 14, 2018
އެ ޓްވީޓްގައި މަލީހު ވިދާޅުވެފައި ވަނީ މަޖިލިސް މެމްބަރުންނަށް މަޖިލީހަށް ނުވަދެވޭ ޤާނޫނެއް އަދި ޤަވާއިދެއް ވުޖޫދަކު ނެތް ކަމަށާއި ޤާނޫނެއް ޤަވާއިދެއް ނެތް ކޮންމެ ކަމެއް ކުރުމުގެ ފުރިހަމަ މިނިވަންކަން ރައްޔިތުންނަށް ލިބިގެންވާ ކަމަށެވެ.
އަދި ކުށްވެރި ވާނީ މަޖިލިސް މެމްބަރުން މަޖިލީހަށް ނުވައްދަން އަމުރުކުރި މީހާ އާއި އެ އަމުރއަށް ތަބާވި ބަޔަކު ކަމަށް ވެސް މަލީހު ވިދާޅުވި އެވެ. އެކަން އޮޅުވާނުލުމަށްވެސް މަލީހު ވަނީ ގޮވާލައްވާފައެވެ.
24 ޖުލައި 2017ގައި މަޖިލީހުގެ މެމްބަރުން މަޖިލީހަށް ވެދެވަޑައިގަތުމުގައި ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ކުށުގެ ތުހުމަތު ދައުލަތުން ވަނީ 12 މެމްބަރެއްގެ މައްޗަށް ދައުވާ އުފުލާފައެވެ.
އެއީ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހީމް މުހައްމަދު ސޯލިހް އާއި ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު އާއި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު އާއި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އާއި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލް ކަރީމް އާއި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހް އާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން އާއި ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހީމް ދީދީ އާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފް އާއި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން އާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އެވެ.
މިބޭފުޅުންގެ މައްޗަށް މިދައުވާ ސާބިތުވެއްޖެ ނަމަ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
މި ދައުވާ އުފުލާފައިވަނީ ސިޔާސީ ބޭނުމުގައި އެއްވެސް އަސާސެއްނެތިކަމަށް މެމްބަރުން ގެންދަވަނީ ވިދާޅުވަމުންނެވެއެވެ. އަދި މިއީ މިސަރުކާރުން ރައްޔިތުން މެންބަރުން އިންތިޚާބުކުރި ހައިސިއްޔަތު ބަދަލުކޮށްގެން މަޖިލީސްތެރެއިން ހޯދި މެޖޯރިޓީ ގެއްލި، އެ މަޖިލީސް މެދުވެރިކޮށް ހިންގަމުންދިޔަ ޖަރީމާތައް ނުހިންގުމުން މެމްބަރުންގެ މައްޗަށް އުފުލި ދައުވާތަކެއްކަމަށްވެސް މެންބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ.