އައްޑޫގެ އަވަށްތަކުގެ މިސްކިތްތަކުގައި މި އަހަރުގެ ރަމަޟާން މަހު ޙިފްޡުކޮށް ދަމުނަމާދު އިމާމްވެކޮށް ދެއްވުމަށް ޖަމްޢިއްޔަތުލް ޢުލަމާ އާއި އައްޑޫސިޓީ ކައުންސިލްގެ އިދާރާއާ ދެމެދު މިއަދު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
ޖަމިއްޔާގެ ފަރާތުން ސޮއި ކުރެއްވީ ޝެއިހް އިބްރާހީމް ރުޝްދީ އެވެ. ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އެވެ.
މި އެއްބަސްވުމުގެ ދަށުން ޖަމްޢިއްޔަތުލް ޢުލަމާގެ ފަރާތުން އައްޑޫގެ 9 މިސްކިތެއްގައި ދަމުނަމާދު ކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
އެއީ ހިތަދޫ މަސްޖިދުލް ބާބުލްޚައިރި، ހިތަދޫ މަސްޖިދުއް ޒިކުރާ، ހިތަދޫ މަސްޖިދުލް އިކުރާމް، މަރަދޫ މަސްޖިދުލް އިޚްލާޞް، މަރަދޫފޭދޫ މަސްޖިދުލް ނޫރު، ފޭދޫ މަސްޖިދުލް އަމާނީ، ހުޅުދޫ މަސްޖިދުލް ވަޙުދާ، ހުޅުދޫ މަސްޖިދުލް ޢަބްދުﷲ ބުން އިބްރާހީމް އަދި މީދޫ މަސްޖިދު އިބްރާހީމް މަޖުދުއްދީން މިސްކިތުގަ އެވެ.
އައްޑޫ ސިޓީ ކައުންސިލާއި ޖަމްޢިއްޔަތުލް ޢުލަމާއާއި ދެމެދު ވެވުނު އެއްބަސްވުމުގައި ޙިފްޡުކޮށް ދަމުނަމާދު ކުރަން ޙަވާލު ކުރެވޭ ކޮންމެ ޙާފިޡަކަށް އިމާމުވެ ދަމުނަމާދު ކުރާ ކޮންމެ ރެއަކަށް 400ރ. ގެ ރޭޓުން އެލަވެންސް ދޭން ވަނީ ހަމަޖެހިފަ އެވެ.
ޖަމްޢިއްޔަތުލް ޢުލަމާއާއި ކައުންސިލާ ދެމެދު މިދިޔަ އަހަރުގެ ރަމަޟާން މަހު ވެސް ވަނީ މިގޮތަށް އެއްބަސްވެވި އައްޑޫ ސިޓީގެ 8 މިސްކިތެއްގައި ދަމުނަމާދުކޮށްފަ އެވެ.