ރިޕޯޓް

މިއީ އެންމެ ފަހުގެ ރޯދަ މަހަށް ވެދާނެ އެވެ.

އަޅުގަނޑުމެންގެ އެންމެން ވެސް އަވަދިނެތި މަސައްކަތް ކުރަމުން މިދަނީ ރޯދަމަހަށް އިސްތިޤްބާލު ކުރުމުގައެވެ. ގިނަ ބަޔަކަށް އަވަދިނެތި މިއުޅެވެނީ، ރޯދަމަހަށް ކޮއްތު އެއްކުރުމުގެ ޖޯޝުގައެވެ. ގެދޮރު ރީތި ކުރުމުގެ ޖޯޝުގައެވެ.

އެހެންނަމަވެސް، އަހަރަކު އެއްފަހަރު އަންނަ ރަޙުމަތާއި ބަރަކާތުން ފުރިގެންވާ މި މާތް މައްސަރާއި ބައްދަލު ކުރުމުގެ ހަގީގީ ޖޯޝު އަޅުގަނޑުމެންގެ ކިބައިގައި އެބަހުރި ހެއްޔެވެ؟

ނޫނެކެވެ. އަޅުގަނޑުމެންގެ ރޫޙަށް އެއްވެސް ކަހަލަ ދިރުމެއް ގެނެސް، އެ ރަމަޟާން މަހުގެ ރަޙްމަތާއި، ފާފަ ފުއްސެވުމާއި، ނަރަކައިން ދިންނެވުން ލިބޭތޯ މަސައްކަތް ކުރުމަށް މިތިބެވެނީ ޣާފިލުވެވިފައެވެ.

ރަމަޟާންމަހަށް އިސްތިޤުބާލު ކުރުމުގެ ގޮތުން ތިމާމެންގެ ރޫޙު ހަނދާން ނައްތާލައި، މާއްދިއްޔަތު ކުރިއަށް ނެރެގެން އުޅުމަކީ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްއާއި އެކަލޭގެފާނުގެ މިތުރު ޞަޙާބީން ރޯދަމަހަށް ތައްޔާރުވެ ވަޑައިގެންނެވި ގޮތެއް ނޫނެވެ.

އަޅުގަނޑުމެންގެ ކުރީގައި އުޅުއްވި ސަލަފުއްޞާލިޙުން 6މަސް ދުވަސް ވަންދެން، ރަމަޟާން މަސް ދެއްވުން އެދި ދުޢާ ކުރައްވާކަމުގައި ވިއެވެ. އަދި އެ ރަމަޟާން މަސް ލިބިއްޖެ ނަމަ، އަޅުކަން ކުރުމުގައި އެމަހުގެ ދުވަސްތައް ހޭދަކުރައްވާ ކަމުގައި ވިއެވެ. އަދި ރަމަޟާންމަސް ދިޔުމުން އެމަހުގައި ކުރެވުނު އަޅުކަންތައް ޤަބޫލުކުރެއްވުން އެދި ﷲއަށް ދުޢާ ކުރެއްވުމުގައި ހަ މަސް ދުވަސް ހޭދަ ކުރައްވާ ކަމުގައި ވިއެވެ.

ނަމަވެސް މިއަދު، އަޅުގަނޑުމެންގެ ޓީވީ ތަކާއި ރޭޑިއޯތަކުން ރަމަޟާން މަސް އައުމުގެ ހަ މަސް ދުވަސް ކުރިން މަސައްކަތް ކުރަނީ އެމަހުގައި ދައްކާނެ ފަސާދަ ކުރަނިވި، ﷲގެ ޛިކުރުން ޣާފިލުކޮށްފަނިވި ސިލްސިލާ ޕްރޮގްރާމްތަކާއި އެހެނިހެން ކުޅިވަރުތައް ރޭވުމުގެ މަޝްވަރާތައް ބޭއްވޭތޯއެވެ.

ކޮންމެ ޕްރޮގްރާމެއްގެ ދެކޮޅުގައި "ބަރަކާތްތެރި ރަމަޟާން މަހުގެ ތަހުނިޔާ" ކިޔަމުން އެމަހުގެ ރަޙްމަތާއި، މަޢްފިރަތާއި ނަރަކައިން މުއްތި ކުރެއްވުމުން ރައްޔިތުން ޣާފިލު ކުރުމުގެ ފާޙިޝް ޢަމަލުތައް ލައިވް ކާސްޓް ކުރަމުން ގެންދަނީއެވެ. އެމަންޒަރުތައް ބަލަން އަޅުގަނޑުމެންނަށް ވެސް ޣާފިލުކަން މަތީގައި ތިބެވެއެވެ.

ރަމަޟާން މަހުގެ ޙުރުމަތަށްޓަކައި ޖިންނީންގެ ތެރެއިންވާ ޝައިޠާނުންތައް ކަސްތަޅު އަޅުއްވައި ބަންދު ކުރެވިފައިވީނަމަވެސް، މި ދެންނެވި ފާޙިޝް ޢަމަލުތައް ފަތުރަން އުޅޭ މީހުންދަނީ، އިންސީންގެ ތެރެއިންވާ ޝައިޠާނުންނަށް ވާގިވެރިވަމުންނެވެ. އިންސީންގެ ތެރެއިންވާ ޝައިޠާނުންނަށް ވާގިވެރިވެ އިސްލާމްދީނާއި ދެކޮޅަށް ރެއާއި ދުވާލު ހަނގުރާމަ ކުރަމުން އެހެރަ ގެންދަނީއެވެ.

ރަމަޟާން މަސް ފެށުމުގެ ދެތިން ދުވަސް ކުރިން ބާޒާރަށް ހިނގައްޖެނަމަ ފެންނާނީ މީސްތަކުން ބައިބަޔަށް އެއްވެ، އެކި ކުލަކުލައިގެ އެކި އެކި ބާވަތް ބާވަތުގެ ކާބޯތަކެތި އެއް ކުރުމުގެ މަސައްކަތް ކުރާތަނެވެ. މި ބައިމީހުން ތައްޔާރުވަނީ ހަނގުރާމައަކަށްހެން ހީވެއެވެ. އެއްގޮތަކަށްވެސް މިބައިމީހުން ކުރިމަތިލުމަށް ތައްޔާރުވަމުން މިދަނީ ތަޤްވާ އާއި ރޯދައިގެ މައްސަރަކާ ކަމަށް ހިއެއް ނުވެއެވެ.

ރަމަޟާން މަހަކީ ޓީވީ ބެލުމާއި، ކުޅިވަރު ކުޅުމުގެ މައްސަރެއް ނޫނެވެ. އެއީ އަޅުކަމުގެ މައްސަރެވެ. ގިނައިން ކީރިތި ޤުރުއާން ކިޔަވައި ހެޔޮ ޢަމަލުތައް ކުރުމަށް އޮތް މައްސަރެކެވެ. އަޅުގަނޑުމެން އިސްކަން ދޭންވީ ކަމަކީ، މިފަދަ މާތް މައްސަރަކާއި ބައްދަލުވީތީ ޝުކުރުވެރިވާ ޙާލު ހެޔޮ އަމަލުތައް ކުރުމުގައި ވަގުތުތައް ހޭދަކުރުމެވެ.

އަޅުގަނޑުމެން ކޮންމެ މީހަކު ވެސް އަޒުމް ކަނޑައަޅަންވީ ބަރަކާތްތެރި ރަމަޟާން މަހުގެ ވަގުތުތައް ކުޅިވަރާއި މަޖަލުގައި ވަގުތުތައް ބޭކާރުކޮށް ނުލުމަށެވެ. ފަހަރުގައި މިއީ އަޅުގަނޑުމެންގެ ހަޔާތުގައި އަންނަ އެންމެ ފަހުގެ ރޯދަމަހަށް ވެސް ވެދާނެއެވެ.