ޚަބަރު

ތޫނު އެއްޗެހި ބޭނުންކޮށްގެން ހިތަދޫގައި މާރާމާރީ ހިންގައިފި

ހިތަދޫ ޕޮލިސް ސްޓޭޝަން. އައްޑޫލައިވް ފޮޓޯ: ހުސައިން ޒަހީން

އައްޑޫ ސިޓީ ހިތަދޫގައި ކަތިވަޅި ހިފައިގެން ތިބި ބަޔަކު ރެސްޓޯރަންޓަކަށް ވަދެ މާރާމާރީ ހިންގައިފިއެވެ.

ރެސްޓޯރަންޓުގައި ތިބި ބަޔަކަށް ގްރޫޕުން ހަމަލާދޭން ފެށުމުން އެމީހުން ވަނީ ރެސްޓޯރަންޓުގެ ބަދިގެއަށް ވަދެފައެވެ. އެއާއި އެކު މޫނު ނިވާކޮށްގެން ތިބި ގްރޫޕުގެ މީހުން ފިލައިގެން ގޮސްފައެވެ. މި މާރާމާރީގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާވި ކަމެއް ނުވަތަ ނޫންކަމެއް އަދި ވަނީ ސާފުވާގޮތް ނުވެފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި މާރާމާރީ ހިންގާފައިވަނީ ފޭދޫ ގްރޫޕަކާއި ހިތަދޫ ގްރޫޕަކާއި ދެމެދުއެވެ. މި މާރާމާރީގެ މައްސަލަ ހިތަދޫ ޕޮލިސް ސްޓޭޝަނުން މިހާރު ގެންދަނީ ތަހުގީގް ކުރަމުންނެވެ.

އައްޑޫގައި މިރޭ ތޫނުއެއްޗެހި ހިފައިގެން މާރާމާރީ ހިންގި އިރު ފާއިތުވި ދެ ރޭވެސް ކަތިވަޅި ހިފައިގެން ނިކުމެ ގްރޫޕްތަކަކުން ވަނީ މާރާމާރީ ހިންގާފައެވެ.

އެހެން ނަމަވެސް މިހާދިސާ ތަކާއި ގުޅިގެން އެއްވެސް މީހަކު ފުލުހުން ހައްޔަރުކުރިކަމެއް އަދި ނޭނގެއެވެ.