ޚަބަރު

އެމްއޭސީއެލްގެ "ރޯދަ ހަދިޔާ" ޑައުންލޯޑްކޮށްލާ

"ރޯދަ ހަދިޔާ" ގެ ނަމުގައި ދީނީ ގިނަ މައުލޫމާތު ހިމެނޭ އެޕެއް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ނެރެފި އެވެ.

މި އެޕްގައި ހިމެނޭނީ ރާއްޖޭގެ އިލްމުވެރިން ދެއްވާފައިވާ ދަރުސުތަކާއި ދުނިޔޭގެ މަޝްހޫރު 12 ގާރީންގެ ކިޔެވުންތަކުގެ އިތުރުން އާންމު ދިރިއުޅުމަށް ބޭނުންވާ ދީނީ ގިނަ މައުލޫމާތުތަކެވެ.

އެޕްގައި ހިމެނޭ އެހެނިހެން ބައިތަކުގެ ތެރޭގައި ކީރިތި ރަސޫލާގެ ސިޔަރަތާއި މަދަހަތަކާއި ކީރިތި ޤުރުއާނުގެ ތަރުޖަމާގެ އޯޑިއޯގެ އިތުރުން މާލެ އާއި މާލެ ކައިރީ ރަށްތަކުގެ ނަމާދު ވަގުތައް އަދި ސިއްހަތާއި ވާހަކަ ފަދަ ބައިތައް ވެސް ހިމެނެ އެވެ.

އެމްއޭސީއެލް އިން ބުނީ އެޕް ބޭނުންކޮށްގެން އެ ކުންފުނީގެ މުވައްޒިފަކަށާއި އާންމުންގެ މީހަކަށް އުމްރާ ދަތުރެއް ލިބުމުގެ ފުރުސަތު ވެސް މިހާރު ހުޅުވާލައިފައިވާ ކަމަށެވެ.

"އެޕްގެ ތެރެއިން އެމްއޭސީއެލްގެ މުވައްޒިފުންނަށް ކޮންމެ ދުވަހަކު ކުއިޒެއް ހުޅުވާލާފައި އިންނާނެ. އަޅުގަނޑުމެން ކޮންމެ ދުވަހަކު އަދި ހުކުރު ދުވަހަކު ސްޓާފުންނަށް އިނާމްތައް ދިނުން އޮންނާނެ. ދެން މުޅި ކުއިޒުން އެއްވަނައަށް އަންނަ ސްޓާފަކަށް އުމްރާ ދަތުރެއް މިދެނީ." އެމްއޭސީއެލްގެ އެސޯސިއޭޓް އިންޖިނިއަރު އަލީ ޖިނާހްވިދާޅުވިއެވެ.

އެ އެޕް ބޭނުންކޮށް ރަޖިސްޓްރީވާ އާންމުންގެ ތެރެއިން ގުރުއަތުން ހޮވޭ މީހަކަށް ވެސް އުމުރާ ދަތުރެއް ދިނުމަށް ހަމަޖެހިފައިވެ އެވެ.

"ރޯދަ "ހަދިޔާ" އެޕް މިހާރު ޕްލޭ ސްޓޯރުން ޑައުންލޯޑް ކުރެވޭނެ އެވެ.