ޚަބަރު

"ޕްރައިމަރީގައި ނަޝީދު 50،000 ވޯޓް ހޯދާނެ"

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީީގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަމާޒު ހިފާފައި ވަނީ އެމްޑީޕީގެ 50،000 މީހުންގެ ވޯޓާ އެކު ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރަ ކަމަށް އެ މަނިކުފާނުގެ ކެމްޕޭން މެނޭޖަރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އަސްލަމް ވިދާޅުވީ ރިޔާސީ ޕްރައިމެރީއާ ގުޅިގެން މިހާރު ކުރިޔަށް ގެންދާ ކެމްޕެއިނަކީ ރައްޔިތުންނަށާއި ސަރުކާރަށް އަދި ބޭރު ދުނިޔެއަށް ވެސް ލިބިގެންދާނެ މުހިންމު މެސެޖެއް ކަމަށެވެ.

އެގޮތުން އިންތިހާބަށް ގާނޫނީ ހައިސިއްޔަތެއް ދޭ ބަޔަކީ އެ ގައުމެއްގެ ރައްޔިތުން ކަމަށާއި އެހެންކަމުން އަމާޒު ހިފާފައި ވަނީ އެމްޑީޕީގެ 50،000 ވޯޓާ އެކު ކާމިޔާބު ކުރައްވާ ރައީސް ނަޝީދު ނެރުމަށް ކަމަށް ވިދާޅުވި އެވެ.

"ފަންސާސް ހާސް ވޯޓާ އެކު ނެރޭ ފަރާތެއްގެ ކެންޑިޑޭންސީ ނުދިނުމަކީ ހަމަޖެހޭ ސިޔާސީ ބަޔަކު ކުރާނެ ކަމެއް ނޫން. އެގޮތަށް އަމަލުކޮށްފި ނަމަ ދިމާވާނެ ހުރިހާ ކަމަކާ ސަރުކާރުން ކުރިމަތިލާން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ. "އަޅުގަނޑަށް ވަރަށް ބޮޑަށް ޔަގީން އެއްވެސް ޝައްކެއް ނެތް ރައީސް ނަޝީދުގެ ނަންފުޅު ވޯޓު ކަރުދާސްކޮޅުގައި އޮންނާނެ."

އަސްލަމް ވިދާޅުވީ ރައީސް ނަޝީދު ޕްރައިމެރީގައި ކުރިމަތިލާ ފޯމް ހުށަހަޅަން ނިންމާފައި ވަނީ ގިނަ އަދަދެއްގެ ތާއީދު ފޯމްތަކާއެކު މާދާމާ އެވެ. އެގޮތުން ތާއީދު ފޯމްތައް ފުރުމުގެ މަސައްކަތް ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިޔަށްދާ ކަމަށް ވިދާޅުވި އެވެ.