އައިރަނާސް އިން "ރޯދަ ރަން ޗެލެންޖް" ގެ ނަމުގައި ހާއްސަ ހަރަކާތެއް ފަށައިފި އެވެ.
އާންމުކޮށް ހުރިހާ އެންމެންނަށް ވެސް ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދާ "ރޯދަ ރަން ޗެލެންޖް" ހާއްސަކޮށްފައި ވަނީ އަލަށް ދުވުމުގެ ތެރެއަށް ނިކުންނަން ބޭނުންވާ މީހުންނަށާއި ފިޓްނެސް ލެވެލް އިތުރަށް ރަނގަޅު ކުރަން ބޭނުންވާ އަދި ބަރުދަން ލުރިކުރުމަށް ބޭނުންވާ މީހުންނަށެވެ.
ރޯދަ ރަން ޗެލެންޖްގައި ބައިވެރިވުމަށް ބޭނުންވާ މީހުން އައިރަނާސް ގެ ފޭސްބުކް ޕޭޖް ލައިކް އަދި ފޮލޯ ކުރުމަށް ފަހު ރޯދަރަން ޗެލެންޖް ޕޯސްޓްގެ ތިރިއަށް "#ރޯދަރަން" ކޮމެންޓް ކުރުމަށް ފަހު ޕޯސްޓްގައިވާ ޓެލެގްރާމް ގުރޫޕް ފޮލޯ ކުރުމުން ޗެލެންޖްގައި ބައިވެރިވެވޭނެ އެވެ.
"ރޯދަ ރަން ޗެލެންޖް" ގައި ބައިވެރިވުމަށް ފަހު ކާމިޔާބުކަމާ އެކު ފުރިހަމަ ކުރުމަށް ކޮންމެ ދުވަހަކު 20 މިނިޓް ދުވަން ނޫނީ ހިނގުން ކަސްރަތުގެ ގޮތުގައި ކުރަން ޖެހެ އެވެ. އަދި ޖެލެންޖުގެ ޕްލޭންގައިވާ ގޮތަށް ހަފުތާގެ އެކި ދުވަސްތަކުގައި ސްކޮޓް އަދި ޕްލޭންކް ހަަދަން ޖެހެ އެވެ.
ކޮންމެ ދުވަހަކު ވެސް ޖެލެންޖްގައި ހިމެނޭ ކަންތައްތައް ފުރިހަމަ ކުރުމަށް ފަހު ދުވެފައި ނޫނި ހިނގާފައިވާ ދުރު މިނާއި އެކަމުގައި ހޭދަވި ވަގުތު އެނގޭ ގޮތަށް #ރޯދަރަން ޖެހުމަށް ފަހު ޓުވިޓަ ނޫނީ އިންސްޓަގްރާމަށް ފޮޓޯ އަޕްލޯޑް ކުރަން ވާނެ އެވެ.
ކޮންމެ ހަފުތާއަކު ވެސް އަޕްލޯޑް ކުރެވޭ ފޮޓޯތަކުގެ ތެރެއިން އެންމެ ރަނގަޅު ފޮޓޯއެއް ފީޗަ ކުރެވިގެންދާ އިރު ކޮންމެ ހަފުތާ އަކު ވެސް ގުރުއަތުން ހޮވޭ މީހަކަށް އައިރަނާސްގެ ސްޕޮންސަރެއްގެ ފަރާތުން ރޯދަ ވީއްލުމެއް ނުވަތަ ކޮފީއެއް ލިބިގެން ދާނެ އެވެ.
އަދި ކާމިޔާބުކަމާ އެކު ރޯދަ މަހުގެ 25 ދުވަހު "ރޯދަ ރަން ޗެލެންޖް" ފުރިހަމަ ކުރާ ފަރާތްތަކުން 100ރ. އަށް މެޑަލް ގަންނަން ލިބޭނެ ނެކަމަށް ވެސް އައި ރަނާސް އިން ބުންޏެވެ.
މިއީ ދުވަން ބޭނުންވާ މީހުންނަށް މިކަމަށް ނިކުތުމަށް ހިތްވަރު ދިނުމަށާއި އަދި މިހާ ރުވެސް ދުވާ މީހުންނަށް ރޯދަ މަހު ކަސްރަތު ކުރުމަށް ހިއްވަރު ދިނުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް އައި ރަނާޒްގެ ކޯޗް ޝުޖާއު ވިދާޅުވި އެވެ.
އެގޮތުން ކުރީ އަަހަރުވެސް ރޯދަ ރަން ޗެލެންޖެއް ކުރިއަށްގެންދިޔަ ކަމަށާއި އޭގެ ސަބަބުބް ވަރަށް ގިނަ ބަޔަކު ދުވުމުގެ ތެރެއަށް ވަދެފައިވާ ކަމަށް ކޯޗް ޝުޖާއު ވިދާޅުވި އެވެ.