ޚަބަރު

މުފްތީ މެންކް މެންދުރު އައްޑު އަށް ވަޑައިގަންނަވަނީ

އިސްލާމީ އުއްމަތުގެ ގިނަ ބައެއްގެ ލޯބި ހޯއްދަވާފައިވާ، މަޝްހޫރު ދީނީ އިލްމުވެރިޔާ އިސްމާއީލް އިބްނު މޫސާ މެންކު(މުފްތީ މެންކް) މިއަދު މެންދުރު އައްޑޫ ސިޓީއަށް ވަޑައިގަންނަވާނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މުފްތީ މެންކް އައްޑޫއަށް ވަޑައިގަންނަވާނީ، މެންދުރު 12 ޖަހާކަށް ހާއިރުއެވެ.

މުފްތީ މެންކް އައްޑޫއަށް ވަޑައިގަންނަވަނީ، މިރޭ ހިތަދޫ ނޫރާނީ ސްކޫލްގައި "މުސްލިމް ޒުވާނުންނަށް މެސެޖެއް" ނަމުގައި ތަޤްރީރެއް ދެއްވުމަށެވެ.

މުފްތީ މެންކް "މުސްލިމް ޒުވާނުންނަށް މެސެޖެއް" ނަމުގައި ދެއްވާ ތަޤްރީރް އޮންނާނީ މިރޭ 9:15 ގައި ނޫރާނީ ސްކޫލްގައެވެ.

މި ތަޤްރީރަކީ ސްލާމިކް މިނިސްޓްރީގެ ދައުވަތަކަށް މުފްތީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި ދެއްވާ ތަޤްރީރެކެވެ. މުފްތީގެ އައްޑޫ ދަތުރުފުޅުގެ އިންތިޒާމްތައް ހަމަޖެއްސުމުގައި އިސްލާމިކް މިނިސްޓްރީ އާއި އެކު އައްޑޫގެ ޖަމިއްޔާތައް ކަމަށްވާ ނޫރުލް އިސްލާމް ޖަމިއްޔާ،ރަބީޢުލްޣުލޫބް ފައުންޑޭޝަން އަދި ޖަމިއްޔަތުލް ޢުލޫމުން ދަނީ ހަރަކާތްތެރިވަމުންނެވެ.

އިސްލާމިކް ޔުނިވާސިޓީ އޮފް މަދީނާއިން ޝަރީއާ ލޯއިން ޑިގްރީއެއް ހާސިލްކުރައްވައިގެން ހުންނެވި ޝެއިހް މުފްތީ މެންކަކީ، ޒިމްބާބުވޭގެ މުސްލިމު އާބާދީއަށް އިސްލާމީ ތައުލީމު ފޯރުކޮށްދޭ މަޖްލީސުއް އުލަމާގެ ދަށުން ހިންގަމުން އަންނަ އިސްލާމީ އެޑިއުކޭޝަން ސެންޓަރު ނުވަތަ ދާރުލް އިލްމުގެ ޑިރެކްޓަރެވެ