Last Updated: March 28, 21:27
Thursday, March 28, 2024
ޚަބަރު

ކައުންސިލުން ގޯދިއްޔާ އަށް 50،000ރ. ގެ އެހީއެއް

މިދިޔަ އަހަރު ގޯދިއްޔާ ކަޕްގެ މެޗެއްގައި ކުޅުންތެރިއަކަށް މަރަދޫ ކައުންސިލަރު އިނާމެއް ހަވާލުކޮށް ދެއްވަނީ.

އައްޑޫ ސިޓީ ކައުންސިލުން މަރަދޫ ގޯދިއްޔާ ޖަމިއްޔާ އަށް 50،000ރ. ގެ ފައިސާގެ އެހީއެއް ދީފި އެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، މިއީ ގޯދިއްޔާ އިން މި އަހަރު ބާއްވާ ފުޓްސަލް މުބާރާތުގެ އިންތިޒާމުތަކަށް ކައުންސިލުން ވެދިން އެހީއެކެވެ.

ކައުންސިލްގެ އޮފިޝަލަކު ވެސް ވަނީ ގޯދިއްޔާ އަށް ފައިސާގެ އެހީއެއް ދީފައިވާކަން ކަށަވަރުކޮށް ދީފަ އެވެ.

މަރަދޫ ވެންބޮޅަފިށި ސްޓޭޑިއަމްގައި ރޯދަ މަހުގެ ރޭގަނޑު ކުރިއަށްދާ ގޯދިއްޔާ ފުޓްސަލް މުބާރާތް މި ފަހަރު ފަށާނީ މި މަހުގެ 25 ވަނަ ދުވަހުގެ ރެ އެވެ.

ކޮންމެ ރެއަކު ދެ މެޗް ކުޅޭ މުބާރާތް ކުރިއަށް ދާނީ ފިތުރު ވިލޭރެއާ ހަމައަށެވެ.

މިޓްސުބިޝީން ސްޕޮންސަކޮށްފައިވާ ގޯދިއްޔާ ފުޓްސަލް ކަޕް 2018 މި އަހަރުގެ ޗެމްޕިއަން ޓީމަށް ހުށަހަޅާފައި ވަނީ 80،000ރ. އެވެ. ރަނައަޕް ޓީމަށް 30،000ރ. އެވެ.

މިމި އަހަރު ބާއްވާ މުބާރާތަކީ ގޯދިއްޔާ ފުޓްސަލް ކަޕްގެ 10 ވަނަ މުބާރާތެވެ.

އައްޑޫ ސިޓީ ކައުންސިލަކީ އައްޑޫގައި ބާއްވާ އެކިއެކި މުބާރާތްތަކަށް އަބަދު ވެސް ފައިސާގެ އެހީ ދެމުން އަންނަ ކައުންސިލެކެވެ.