Last Updated: June 10, 20:48
Wednesday, June 10, 2026
ޚަބަރު

"ޔުނިޓްތަކަށް ޕޮއިންޓް ދިނީ އިއުލާނާ އެއްގޮތަކަށް ނޫން"

ފޭދޫ ކައުންސިލަރު މިރުޒާދު ވާތް ފަރާތުގައި. ފޮޓޯ/ އެމްޑީޕީ

ސ. ފޭދޫގައި އިމާރާތްކޮށްފައިވާ 25 ހައުސިން ޔުނިޓަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓް ދީފައި ވަނީ އެކަމަށް ކުރި އިއުލާނުގައިވާ ގޮތަކަށް ނޫން ކަމަށް ހައުސިން ޔުނިޓަކަށް ކުރިމަތިލެއްވި ފޭދޫ ދާއިރާގެ ކައުންސިލަރު އަހުމަދު މިރުޒާދު (މިރާ) ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވެފައި ވަނީ ޔުނިޓްތަކަށް ކުރިމަތިލި މީހުންގެ ތެރެއިން 16 މީހަކަށް 75 އަށް ވުރެ މަތިން ޕޮއިންޓް ލިބި ގުރިއަތަކަށް ނުގޮސް ޔުނިޓްތަކަށް ހޮވިފައިވާ ކަމަށާއި ބާކީ ހުރި ނުވަ ޔުނިޓަށް 65 އަށް ވުރެ މަތިން ޕޮއިންޓް ލިބިގެން 79 ފަރާތެއް ގުރަށް ގޮސްފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފައި ވަނިކޮށެވެ.

މިކަމާ ހިތްހަމަޖެހިވަޑައި ނުގެން މިރާ އޭނާގެ އެފްބީ ސްޓޭޓަސްގައި ވިދާޅުވެފައި ވަނީ ފޭދޫ އަވަށުގައި އެމްޑީޕީ ސަރުކާރުން އަޅައި ދިން 25 ރޯ ހައުސްގެ ގުރުއަތުލުން ނެގުން ކުރިއަށް ގެންދަން ނިންމާފައި އޮތީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކަމަށެވެ.

"ކުރި އިއުލާނުގައިވާ ގޮތަކަށް ނޫން ޕޮއިންޓް ދީފައި ހުރީ. މިކަން މިހެން ނުހިގާނެ." ހުރިހާ ކައުންސިލަރުންނަށް ޓެގްކޮށްފައިވާ ސްޓޭޓަސްގައި މިރާ ވިދާޅުވެފައިވެ އެވެ.

މީގެ ކުރިން ވެސް އިވެލުއޭޝަނާ ދޭތެރޭ ހިތްހަމަނުޖެހިގެން ބައެއް ފަރާތްތަކުން ކުރި ޝަކުވާތަކާ ގުޅިގެން ދެ ފަހަރެއްގެ މަތިން ގުރުލުން ވަނީ ފަސްކޮށްފަ އެވެ. މީގެ ކުރިން ވެސް ޔުނިޓްތަކަށް ކުރިމަތިލި ގިނަ މީހުން ފާހަގަކޮށްފައިވާ މައިގަނޑު އެއް މައްސަަލައަކީ ޕޮއިންޓް ދޭން ނިންމި އުސޫލާ ހިލާފަށް ޕޮއިންޓް ދީފައި ހުރުން ކަމަށް ގިނަ ބަޔަކު ބުނެ އެވެ.
އަދި މި މައްސަލަ މިދިޔަ ޖެނުއަރީ މަހު ވެސް އަދި މި މަހުގެ ތެރޭގައި ވެސް ޔުނިޓްތަަަކަށް ކުރިމަތިލި ބަައެއް މީހުން ސޮއިކޮށް އޭސީސީ އަށް މައްސަލަ ވަނީ ހުށަހަޅާފަ އެވެ.

ކައުންސިލުން މިހާރު ނިންމާފައި ވަނީ އަންނަ ހަފުތާގެ ތެރޭ ނުވަތަ އަންނަ މަހުގެ ކުރީކޮޅު ގުރުލުން ބޭއްވުމަށެވެ.