ކުރީގެ ރައީސް، މުހައްމަދު ނަޝީދުގެ ވެރިކަމުގެ ފޮރިން މިނިސްޓަރ އަހުމަދު ނަސީމް(ކެރަފާ) ސިޔާސީ މަޝްވަރާއަކަށް އެމެރިކާއަށް ވަޑައިގެންފިއެވެ.
ނަޝީދުގެ ފަރާތުން ނަސީމް އެމެރިކާއަށް ވަޑައިގެން އެތަނުގައި ބޭއްވި "ފްރީޑަމް ޑިނާ" ގައި ބައިވެރިވެ އެމެރިކާގެ ނުފޫޒުގަދަ ބައެއް އިސް އޮފިޝަލުންނާ ނަސީމް ބައްދަލުކުރެއްވިއެވެ.
އޭގެ ތެރޭގައި އެމެރިކާއިން އދ. ކަނޑައަޅާފައި ހުރި ސަފީރު، ނިކީ ހީލީ އާއި ޑިފެންސް ސެކްރެޓަރީ ޖޭމްސް މެޓިސްއާ ބައްދަލުކުރައްވާފައެވެ.
ނަސީމް އެމެރިކާގައި ކުރައްވާ މަސައްކަތަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ނަޝީދަށް ވާދަކުރެވޭ ގޮތް ހެދުމަށް ކަމަށް ބެލެވެއެވެ. ނަޝީދު ވަނީ އެމްޑީޕީ މެންބަރުން ނިންމާ މީހެއްގެ ކެންޑިޑެސީ ކަށަވަރު ކުރުމަށް ކެރަފާ ނަސީމް ކުރައްވާ މަސައްކަތައް ޝުކުރު އަދާ ކުރައްވާ ކަމަށް ވިދާޅުވެ ޓުވީޓެއްވެސް ކުރައްވާފައެވެ.
ރިޔާސީ އިންތިޚާބުގައި ނަޝީދަށް ބައިވެރި ވުމުގެ ފުރުސަތު ދޭން ޖެހޭނެ ކަމަށް އދ. އިން މީގެ ކުރިން ވަނީ ނިންމާފައެވެ. ނަމަވެސް ސަރުކާރުން ވަނީ ހުކުމް ތަންފީޒު ކުރައްވާތީ އެފުރުސަތު އެރުވުމަށް ގާނޫނު އަސާސީ ތަން ނުދޭ ކަމަށް ބުނެފައެވެ.